މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ހައްޔަރު ކޮށްފައި ތިބި ފަސް ބިދޭސީއަކު ފިލައިފި އެވެ.
ތަފާތު ދެ މައްސަލައެއްގައި ހައްޔަރު ކުރެވުނު އެމީހުން ފިލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ މާރާމާރީގެ މައްސަލަތަކާއި ގުޅިގެން ހައްޔަރު ކޮށްފައި ތިބި މީހުން ކަމަށާއި އަނެއް މީހާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
ކަރެކްޝަންގެ އޮފިޝަލަކާއި ހަވާލާދީ ވަގުތު ނޫހުން ރިޕޯޓް ކުރާ ގޮތުގައި އެ މީހުން ފިލާފައި ވަނީ ރޭ ދަންވަރު 02:30 ހާއިރު ކަމަށާއި، އެމީހުން ފިލާފައި ވަނީ ފިލި ތަނުގެ ޓިނުގަނޑެއް އިރާލައިގެންނެވެ.
ރޭ ފިލާފައިވާ ފަސް ބިދޭސީންނަކީ އެމްޑީ އަބްދުލް މާޖިދު، އެމްޑީ މޯނިރް ހާން، އެމްޑީ އަލީ ހޮސައިން، ރިޕޯން ،އަކްބަރް އަލީ އެވެ.
ކަރެކްޝަން އިން ބުނާ ގޮތުގައި އެ ފަސް މީހުންނަކީ ވެސް ރާއްޖެއިން ފޮނުވާލަންދެން ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ތިބި މީހުންނެވެ.
އެ ފަސް މީހުންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.