ފަސް އަހަރަށް ދެމިގެންދިޔަ ޒީޓީވީ ގެ މަޝްހޫރު ސީރިއަލް "ޕަވިތްރަ ރިޝްތާ" ގައި އަރްޗަނާގެ ރޯލުން ފެނިގެންދިޔަ އަންކިތާ ލޯކަންޑޭ އޭނާގެ އެންމެ ފުރަތަމަ ބޮލީވުޑް ފިލްމަށް ތައްޔާރުވާން ފަށައިފި އެވެ.
ލީޑް ރޯލުން ކަންގަނާ ރަނައުތް ފެނިގެންދާނެ ފިލްމް "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" ގެ ރޯލަކަށް އަންކިތާ ހަމަޖައްސައިފި ކަމުގެ ޚަބަރުތައް މީޑިއާގައި މީގެ ދުވަސްތަކެއް ކުރިން ފެތުރިގެން ދިޔައެވެ.
މިހާރު އަންކިތާ ވަނީ އެ ފިލްމްގެ ޝޫޓިން ފަށާފައެވެ.
އެ ތާރީޚީ ފިލްމްގެ ޝޫޓިން އަންކިތާ ފަށާފައި ވަނީ ހޯމަ ދުވަހު ރާމޯޖީ ފިލްމް ސިޓީގައެވެ. ކަންގަނާ ވެސް ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ސިމްރަން" ގެ ޓްރެއިލާ ލޯންޗް ކުރުމަށްފަހު އެނބުރި އައިސް "މަނިކަރްނިކާ" ގެ ކްރޫއާއި ގުޅިފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އަންކިތާ އާއި ކަންގަނާ އެކުގައި އެ ފިލްމަށް ޝޫޓް ކުރަން ފަށާނީ މާދަމާ އެވެ.
ފިލްމްގެ ލީޑް 'ރާނީ ލަކްޝްމީބާއި' ގެ ރޯލުން ކަންގަނާ ފެނިގެންދާނެ އިރު، އަންކިތާ އަދާކުރާނީ ލަކްޝްމީބާއި ގެ ގާތް ރަހުމަތްތެރިޔާ 'ޖަލްކާރީބާއި' ގެ ރޯލެވެ.