އިނގިރޭސި ވިލާތުގެ ލިވަޕޫލްއަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕް ކޫޓީނިއޯ އޭނާ ކުލަބުން ފޮނުވައިދިނުމަށް އެދި ޓްރާންސްފާ ރިކުއެސްޓެއް ފޮނުވާފައިވާ ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.
ކޫޓީނިއޯ ޓްރާންސްފާ ރިކުއެސްޓު ފޮނުވާފައިވަނީ މިއަދު ކުލަބުގެ އޯނަރުން އޭނާ ވިއްކުމަށް އެއްވެސް ޓީމަކުން ހުށައަޅާ ބިޑެއް ގަބޫލުނުކުރާނެ ކަމަށްބުނެ ބަޔާނެއް ނެރެފައިވަނިކޮށެވެ.
ޚަބަރު ލިބޭ ގޮތުގައި ކޫޓީނިއޯ އަމިއްލައަށް އޭނާ ފޮނުވައިދިނުމަށް އެދިފައިވަނީ ބާސެލޯނާއިން އޭނާ ހޯދުމަށް ލިވަޕޫލްއަށް ހުށައެޅި 100 މިލިއަން ޔޫރޯގެ ބިޑުވެސް އަނބުރާ ފޮނުވާލުމުންނެވެ.
ބާސެލޯނާގެ ތަރި ނޭމާ ޕީއެސްޖީއަށް ދިއުމުން ބާސާއިން އަންނަނީ ކޫޓީނިއޯ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނޭމާ ނެތް ތަން ފޫބެއްދުމަށް ބާސާއިން ވަނީ ކޫޓީނިއޯގެ އިތުރުން ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އުސްމާން ޑެމްބޭލޭ ހޯދުމަށްވެސް ފޫގަޅާފައެވެ.