Last Updated: June 11, 13:58
Thursday, June 11, 2026
ސިޔާސީ

މަލިޖިސް ހުއްޓުވާލާނެ ކަމުގެ އިންޒާރު ދީފި

ރައީސް ނަޝީދު ހައްޔަރު ކުރުމުން އެ މަނިކުފާނު ދޫކޮށްލަން ގޮވާ އިޙްތިޖާޖް ކުރަން ނިކުތް ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް ފުލުހުން އަނިޔާ ދީ ހައްޔަރުކޮށްފައިވާ ކަމަށް ބުނެ މަޖްލީހުގައި ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރުގެ މައްސަލަ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ތާވަލުނުކޮށްފި ނަމަ ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެންނާނެ ކަމަށް ބުނެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) ގްރޫޕްގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަޙިދު މަޖިލީހަށް އިންޒާރު ދެއްވައިފި އެވެ.

ރާއްޖެ ހަމަނުޖެހުމާއި ނާމާން ކަމުގެ ތެރެއަށްދާ އިރު ބަލަން ތިބެވޭ ކަށް ނެތް ކަމަށާއި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންނަށް އަނިޔާ ކުރަމުންދާ އިރު އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން މަޑުން ނުތިއްބަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވެ، ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ މައްސަލަ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ތާވަލުނުކޮށްފި ނަމަ ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެއް ހަފްތާ ތެރޭގައި އެ މައްސަލަތައް ތާވަލުނުކޮށްފި ނަމަ މަޖިލިސް ކުރިއަށް ގެންދަން ނުކެރޭނެ ކަމަށެވެ.

މަޖިލީހުގެ ނިންމުންތަކަށް އަރައިގަތުމުގެ ބާރު ސްޕްރީމު ކޯޓަށް ލިބިގެން ނުވާ ކަމަށާއި ސްޕްރީމު ކޯޓަކީ ގާނޫނު ހަދާ ތަނެއް ނޫން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އެހެން ކަމުން ހޯމް މިނިސްޓަރު ޑރ. ޖަމީލާއި ޑިފެންސް މިނިސްޓަރު ނާޒިމުގެ މައްސަލަ ކުރިއަށް އޮތް ހަފުތާގައި ތާވަލުނުކޮށް ހިފެހެއްޓުމުގެ ބާރު މަޖިލީހުގެ ގާނޫނީ ޓީމަށް ލިބިގެން ނުވާ ކަމަށް އަލީ ވަހީދު އިތުރަށް ވިދާޅުވި އެވެ.