އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ރަޝިޔާ އަށް ދަތިކުރުމަށް އެޅި ފިޔަވަޅުތަކުގެ ބަދަލު ހިފުމުގެ ގޮތުން ރަޝިޔާއިން އެޅި ފިޔަވަޅުތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޝުކުރު އަދާކުރައްވައިފި އެވެ.
ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަ އެމެރިކާގެ އެމްބަސީއާއި ރަޝިޔާގެ އެކި ސަހަރުތަކުގައި ގާއިމުކުރެވިފައިވާ އެމެރިކާގެ ޑިޕްލޮމެޓިކް އޮފީސްތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 755 ޑިޕްލޮމެޓުން ބޭރުކޮށްލުމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ވަނީ މިދިޔަ މަހު ނިންމަވައިފައެވެ. ޕުޓިންގެ މިނިންމެވުމާއިމެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ނޫސްވެރިޔަކު އިއްޔެ ސުވާލު ދެންނެވުމުން ޓްރަމްޕު ވިދާޅުވީ ޕުޓިންއަށް ޝުކުރު ދެންނެވުން ނޫން ގޮތެއް ނެތްކަމުގައެވެ. އެހާ ގިނަ އަދަދެއްގެ މުވައްޒަފުން ބޭރުކޮށްލީމާ އެމީހުންނަށް މުސާރަ ދޭން ނުޖެހޭނެ ކަމަށާއި އެކަމުގެ ސަބަބުން މަހަކު އެތައް މިލިއަން ޑޮލަރެއް ސަލާމަތް ކުރެވޭނެ ކަމަށް ވެސް ޓްރަމްޕު ވިދާޅުވިއެވެ.
ޓްރަމްޕު އިތުރަށް ވިދާޅުވީ ސަރުކާރުގެ ޚަރަދު ކުޑަކުރާނެ ގޮތްތަކާއިމެދު ވިސްނާން ހުއްޓައި ރަޝިޔާގެ ރައީސް ޕުޓިން އެދެއްވީ ރަނގަޅު ހަދިޔާއެއް ކަމަށާއި ޕުޓިންގެ ނިންމެވުމުގެ ސަބަބުން އެމެރިކާ ކޮންމެހެން ރުޅިއަންނާން ނުޖެހޭ ކަމުގައެވެ. އެމެރިކާ ސަރުކާރުން ޕުޓިންއަށް ހިފެހެއްޓުމެއް ނެތް ޝުކުރެއް ހައްގު ކަމަށާއި ރަޝިޔާއިން ބޭރުކޮށްލެވޭ ޑިޕްލޮމެޓުން ފަހުގެ ތާރީޚެއްގައި އަނބުރާ ރަޝިޔާއަށް ފޮނުވުމުގެ ވިސްނުމެއްވެސް ނެތްކަމަށް ޓްރަމްޕު ވިދާޅުވިއެވެ. އަދި އެހާ ގިނަބަޔަކު ރަޝިޔާގައި ތިބެގެން ކުރާނެ ވަކި މަސައްކަތެއް އޮންނާނެތޯވެސް ވަނީ ސުވާލު ކުރައްވައިފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް ޓްރަމްޕު ބޭއްވެވި މިބައްދަލުވުމުގައި ނާއިބު ރައީސް މައިކް ޕެންސާއި އެމެރިކާގެ ގައުމީ ސަލާމަތާއި ބެހޭ މުޝީރު އެޗްެއާރް މެކްމާސްޓަރ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އުތުރު ކޮރެޔާއަށް ދެމުންދާ އިންޒާރުތަކާއިމެދު ސުވާލު ދެންނެވުމުން ޓްރަމްޕު ވިދާޅުވީ އެމެރިކާއަށް އެއްވެސް ގޮތަކުން ހަމަލަދީފިނަމަ ދުނިޔެ މީގެ ކުރީން ތަޖުރިބާކޮށްފައިނުވާ ޒާތުގެ ކަމެއް އުތުރު ކޮރެޔާގައި ތަމްސީލުވާނޭ ކަމުގައެވެ،
ނިއުކުލިއަރ ހަތިޔާރަކީ އެމެރިކާގެ އެންމެ މުހިއްމު ހަތިޔާރުތޯ ސުވާލު ދެންނެވުމުން ޓްރަމްޕު ވިދާޅުވީ އޭނާ ބޭނުންފުޅުވަނީ ހުރިހާ ނިއުކުލިއަރ ހަތިޔާރެއް ނައްތާލައި ނިއުކުލިއަރ ހަތިޔާރު ނެތް ތަނަކަށް ދުނިޔެ ހެއްދެވުމަށް ކަމުގައެވެ. އެހިސާބަށް ދެވެންދެން އެންމެ ވަރުގަދަ ނިއުކުލިއަރ ހަތިޔާރު އެންމެ ގިނައިން ހުންނަން ޖެހޭނީ އެމެރިކާގައި ކަމަށްވެސް ޓްރަމްޕު ވިދާޅުވިއެވެ.