Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

ޖަލަށް ގޮސްގެން ވެސް މި ވެރިކަން ނިންމަން ޖެހޭ: ނިޒާރު

އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ޖަލަށް ދާން ޖެހިއްޖެ ނަމަ އެކަން ކޮށްގެން ވެސް ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވިއެވެ.

ނިޒާރު މިހެން ވިދާޅުވީ، "ރައްޔިތުންގެ ބަދަލު" ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޭ މާލޭގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެ އެއްވުމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ރައީސް ޔާމީންގެ ސަރުކާރުން ނިގުޅައިގަތުމުގެ ސަބަބުން މިނިވަން ކަމެއް ނެތް ކަމަށެވެ.

"މަޑުން ތިބޭ ކޮންމެ ދުވަހަކީ ފަހަތަށް އެޅޭ ފިޔަވަޅެއް. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ (މިރާއްޖެ މިދާ ހިސާބު މިއީ) އަޅުގަނޑުމެންނަށް ވިސްނާނުލެވޭ ހިސާބަށް މިރާއްޖެ އެބަގެންދާކަން.
ގާނޫނު ހަދާ މަޖިލިސް އެއީ ނެތްތަނެއްގެ ގޮތުގައި ހަދައި. މިހާރު އެ ނިންމަނީ ޖުޑިޝަރީ ތެރެއިން ނެރެވޭ ހުކުމްތަކެއްގެ ތެރެއިން ވެރިކަން ކުރަން."

ނިޒާރު ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލީހަށް ނުފޫޒު ފޯރުވުމަކީ، ލިޔެފައި ހުރި ގާނޫނުތަކާއި އަދި އާއްމު ހަމަތަކާޢި އުސޫލުތަކަށް ބަލާއިރު އެކަން ކުރަން ޖެހޭ ގޮތެއް ނޫނަ ކަމަށެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަށް ތަފާތު އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ގޮތް ހުސްވެފައި ވަނީ އަނިޔާވެރިކަން އިސްކޮށްގެން ވެރިކަން ކުރައްވާތީ ކަމަށެވެ.

"ގޮތް ހުސްވެ ބާރާއި އަނިޔާވެރިކަން އިސްކޮށްގެން ވެރިކަން ކުރާ ވެރިޔަކަށް ދިމާވާ ހުރިހާ ކަމެއް ރައީސް ޔާމީނަށް ދިމާވެއްޖެ. އަދި އެކަން އެހެންވީމާ ބާރު ހުރީތީ ބާރު ބޭނުން ކޮށްގެން ވެރިކަން ކުރަން މަސައްކަތް ކުރަނީ"

މީގެ އިތުރުން ރާއްޖެ ހަމަ މަގަށް އެޅުވުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދު ކުރާ އާންމު ރައްޔިތުން ގައުމީ ފެންވަރެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.