Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

ހިތަދޫގައި ހަދަން ބުނި ޖިމަށް އަހަރަކަށް ވުރެ ގިނަ ދުވަސް، ކޮބާ ޖިމް؟

ހިތަދޫ ޔޫތް ސެންޓަރު.

2016 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު 'އައްޑޫލައިވް' އަށް ދެއްވި އިންޓަވިއު އެއްގައި ޔޫތް މިނިސްޓްރީގެ އޭރުގެ ޕަރމަނަންޓް ސެކްރެޓަރީ އަލީ ޒަކީ ވިދާޅުވީ، "ހިތަދޫގައި ޖިމެއް ހަދަން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ" ކަމަށެވެ.

އޭގެ ފަހުން 1 އަހަރާއި 18 ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ހިތަދޫގައި ޖިމެއް ޤާއިމް ކުރެވިފައި ނުވެއެވެ. ޖިމާއި ގުޅޭގޮތުން ޔޫތް މިނިސްޓްރީ އިން ކުރި ކަމަކަށް ފެންނަނީ، ޖިމް އިކުއިޕްމަންޓް ހޯދުމަށް 1 ސެޕްޓެމްބަރ 2016 ގައި ކުރި އިއުލާނެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، "އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޒުވާނުންގެ މަރުކަޒުތަކަށް ޖިމް އިކުއިޕްމަންޓްސް ހޯދާ" ވާހަކައެވެ. އެހެން ކަމުން އެއީ ހިތަދޫ ޒުވާނުންގެ މަރުކަޒު ވެސް ހިމެނޭ ގޮތަށް ކުރި އިއުލާނެއް ކަމަށް ބެލެވެއެވެ.

ޖިމް އިކުއިޕްމަންޓްސް ހޯދަން ކުރި އިއުލާނުގެ މުއްދަތު ހަމަވިތާ، 11 މަހަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު ޖިމް އިކުއިޕްމަންޓްސް ގެނެސްދިނުމަށް އެއްވެސް ފަރާތަކާއި ހަވާލު ކުރި ކަމެއް ޔޫތް މިނިސްޓްރީ އިން ހާމަކޮށްފައެވެ ނުވެއެވެ.

ޔޫތް މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި ޖިމަށް ބޭނުންވާ އިކުއިޕްމަންޓް ގެނެސްދޭނެ ފަރާތެއް ހޯދަން އޯޕަން ބިޑަކަށް ހުޅުވާލީ، ދައުލަތުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އާއި ހަވާލުކޮށްގެން ހިތަދޫ ޖިމަށް ބޭނުންވާ ސާމާނު ގެންނަން ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ.

ހިތަދޫ ޒުވާނުންގެ މަރުކަޒުގައި ކުރިން ބޭނުން ކުރި ޖިމް ހުއްޓާލިތާ ގިނަ ދުވަސްތަކެއް ވެފައި ވާއިރު ޖިމެއް ނެތުމުގެ ޝަކުވާ ހިތަދޫ ޒުވާނުން ގެންދަނީ ކުރަމުންނެވެ. ސަރުކާރުގެ ވަފުދުތައް އައްޑޫއަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ޒުވާނުން އެ ޝަކުވާތައް ކުރެއެވެ. އެހެން ނަމަވެސް އެއީ މިހާތަނަށް އައި އިރު ވެސް އެކަމަށް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް ޒުވާނުން ބުނެއެވެ.

މިއަދު ހަވީރު ހިތަދޫ ޔޫތް ސެންޓަރުގައި ޕީޕީއެމްގެ އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައި ވާއިރު، އެ އިވެންޓުގައި ހިތަދޫ ޒުވާނުން އުއްމީދު ކޮށްގެން ތިބީ "ޖިމުގެ ޚަބަރެއް" ވެގެން ދިއުމެވެ.