Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޕީޕީއެމް ތަރައްޤީ ހަރަކާތް: ސައިކަލަކަށް 1،200 ކާރަކަށް 2،500ރ!

"ރައީސް ޔާމީންގެ ތަރައްޤީ" ރައްޔިތުންނަށް ދައްކާލުމަށް މުޅި ރާއްޖޭގެ 25 ރަށެއްގައި ކުރިއަށް ގެންދާ ހަރަކާތުގައި ހިތަދޫ މިއަދު ބާއްވާ ހަރަކާތުގައި ބައިވެރިވާ ކޮންމެ ސައިކަލަކަށް 1،200ރ. އަދި ކާރަކަށް 2،500ރ. ގެ މަގުން ފައިސާ ދޭން ނިންމާފައިވާ ކަމަށް ސޯޝަލް މީޑިޔާގައި ޚަބަރު ފެތުރެމުން އެބަދެ އެވެ.

މިފަދަ އަޑުތަކެއް ފެތުރިފައިވާއިރު އައްޑޫގައި ޕީޕީއެމްގެ ފަރާތުން ބާއްވާ ވެހިކަލް ބުރުތަކުގައި ވެހިކަލް ގިނަކަން ދައްކަން ފައިސާ ދީގެން އުޅަނދުތައް މީޣެ ކުރިން ވެސް ބައިވެރި ކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހިތަދޫގެ ޓެކްސީ ޑްރައިވަރަކު ބުނި ގޮތުގައި މިއަދުގެ ވެހިކަލް ބުރުގައި ބައިވެރިވުމަށް އައްޑޫގައި ހުންނަ ސަރުކާރުގެ ކުންފުންޏެއްގެ ވެރިޔަކު ގުޅި ކަމަށާއި އަދި "ދެން ޓެކްސީ ކުރުމަށް ވުރެ" މިކަމުގައި (ވެހިކަލް ބުރުގައި) ބައިވެރިވުމުން ރަނގަޅު ވާނެ ކަމަށް ބުނި ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ތެރޭގައި ޕީޕީއެމްގެ ވެހިކަލް ބުރެއްގައި ބައިވެރިވި ބަޔަކަށް ދޭން ޖެހޭ ފައިސާތަކެއް، އެކްޓިވިސްޓަކު ނެގި މައްސަލައެއް ފެންމަތިވިއެވެ. އެމައްސަލަ އާއި ގުޅިގެން ޕީޕީއެމްގެ އިސްވެރިންތަކެއް އައްޑޫއަށް ވަޑައިގެންނެވި ފަހަރަކު އެ އެކްޓިވިސްޓުގެ ބަޔާނެއް ވެސް ނަގާފައި ވެއެވެ.

"ތަރައްޤީ ރައްޔިތުންނަށް" ދައްކަން ބާއްވާ ހަރަކާތަށް އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓުގެ މުވައްޒަފުން ދިއުމަށް އެ މިނިސްޓްރީގެ ކޯޑިނޭޓަރު ހަސަން ނާޒިލް ވަނީ އަންގާފައެެ.

މީގެ އިތުރުން ފެނަކަ، އެމްއާރްޑީސީ، އަދި އެޗްޕީއެލް އާއި ސަދަން ޓްރާންސްޕޯޓް ލިންކުގެ މުވައްޒަފުން ވެސް ވެހިކަލް ބުރުގައި ބައިވެރިވުމަށް ވަނީ އަންގާފައެވެ.

ޕީޕީޢެމް އިން ކުރިއަށް ގެންދާ ހަރަކަތްތަކުގައި މަޖުބޫރުކޮށްގެން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ގެންދާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އެގޮތުން ރޭ މާލޭގައި ބޭއްވި އެއްވުމެއްގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވި ގޮތުގައި، ފައިސާ ހުރީތީ ތާއީދު އޮތްކަން ދައްކަން މީހުން އެއްކޮށް ޕޯސްޓަރު ވެސް ޖެހިދާނެ ކަމަށާއި އެހެން ނަމަވެސް އެއީ ތާއީދު އޮތުން ނޫން ކަމަށެވެ.

ކައުންސިލް އިންތިހާބާއި ދިމާކޮށް ޕީޕީއެމް އިން އައްޑޫގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ވެހިކަލް ބުރުތަކެއް ބޭއްވިއެވެ. ނަމަވެސް ކައުންސިލް އިންތިހާބުގައި އައްޑޫ އިން އެންމެ ގޮނޑިއެއް ވެސް ޕީޕީއެމް އަށް ލިބިފައެއް ނުވެއެވެ.