Last Updated: March 29, 06:12
Friday, March 29, 2024
ދުނިޔެ

ކެންޔާގެ ރައީސަކަށް އަނެއްކާވެސް އުހުރޫ ކެންޔާޓާ

ކެންޔާގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އެޤައުމުގެ ރައީސް އުހުރޫ ކެންޔާޓާ ކާމިޔާބު ކުރައްވައިފި އެވެ.

ކެންޔާޓާ ވެރިކަމުގެ ދެވަނަ ދައުރަކަށް ހޮވިފައި ވަނީ 54.3% ގެ އަގުލަބިއްޔަތަކުންނެވެ. އޭނާއާއި އެކު އިންތިހާބުގައި ވާދަކުރި ރައިލާ އަށް ލިބިފައި ވަނީ 44.7% ވޯޓެވެ.

2013 ވަނަ އަހަރު ކެންޔާގެ ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި ކެންޔާޓާ ވަނީ އޭނާ ދެވަނަ ދައުރަށް ހޮވުނު ވާހަކަ އިއުލާން ކުރެވުމާއިއެކު ރައްޔިތުންނާއި މުޚާތަބު ކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ ހުރިހާ ސަޕޯޓަރުންގެ ގާތު އެއްބައިވަންތަކަން ދެމެހެއްޓުމަށް އެދިލައްވާފައެވެ.

އެހެންނަމަވެސް، އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމުގެ މާކުރިން އިދިކޮޅު ފަރާތްތަކުން ވަނީ ނަތީޖާ އާއި ދެކޮޅު ހަދާފައެވެ.

އެގޮތުން އިދިކޮޅު ފަރާތްތައް ގިނަ ކިސުމޫ ސިޓީ އާއި ވެރިރަށް ނައިރޯބީ ގައި ހަމަނުޖެހުންތަކާއި މުޒާހަރާތައް ވަނީ ފެށިފައެވެ. އެގޮތުން އެ މުޒާހަރާތަކުގައި ބައެއް ވިޔަފާރިތަކަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމާއި ގުޅިގެން ދިމާވެދާނެ އެފަދަ ހާލަތަކަށްޓަކައި ތައްޔާރަށް ތިބި ފުލުހުން ވަނީ ހަމަނުޖެހުން އުފައްދާ މީހުން އެއްވެ އުޅުނު ސަރަހައްދުތަކުގައި ކަރުނަ ގޭސް ޖަހާފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ކިސޫމޫގެ މެދުގައި އޮންނަ މަގެއްގައި އަލިފާން ރޯކޮށް، ބަޑީގެ ހަމަލާތައް ވެސް ވަނީ ބަދަލުކޮށްފައެވެ.

މީގެ 10 އަހަރު ކުރިން ކެންޔާގައި ބޭއްވި އިންތިހާބާއި ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި 1،100 ރައްޔިތުން މަރުވެ، އިތުރު 600،000 މީހުންގެ ގެދޮރޮ ވަނީ ނެތިފައެވެ. އެހެންކަމުން ގިނަ ބަޔަކު ތިބީ އެފަދަ ޙާލަތެއް އަނެއްކާވެސް ކުރިމަތިވެދާނެ ކަމުގެ ބިރުގައެވެ.

ކެންޔާޓާ ވަނީ އަމަންއަމާންކަން ދެމެހެއްޓުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ. "ސިޔާސީ ހަމަނުޖެހުމުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިއްޖެ. އަޅުގަނޑަށް ޔަޤީން އެއްވެސް ރައްޔިތަކުގެ އެނބުރި އެފަދަ ހާލަތަކަށް ދާން ބޭނުން ނުވާނެކަން"، ކެންޔާޓާ ވިދާޅުވި އެވެ.

އިންތިހާބުގައި ފެއިލްވި ރައިލާ އޮޑިންގާ ވެސް ވަނީ މައިތިރިވުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ. އެހެންނަމަވެސް އޭނާ އެއްވެސް މީހަކު ކޮންޓްރޯލް ނުކުރާ ކަމަށާއި، އިންސާފް ދެކެން ރައްޔިތުން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.