ޢާންމު ރައްޔިތުންނަށާއި، މަޖިލީހުގެ މެމްބަރުންނަށާއި، ކުޑަކުދިންނަށާއި އަދި އުމުރުން ދުވަސްވީ މުސްކުޅިންނަށް ފުލުހުން އަނިޔާ ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވުމަށް އެދި، ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕަސަން ރީކޯ މޫސާ މަނިކު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ރީކޯ މޫސާ މަނިކު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ “ރާއްޖޭގެ ވެރިރަށް މާލޭއާއި ރާއްޖޭގެ އަތޮޅުތަކުގެ މަގުތަކުގައި އެތަކެއް ރައްޔިތުންނަކަށް ފުލުހުންގެ ފަރާތުން ކުރިމަތި ކުރުވަމުންދާ އަނިޔާވެރި ޢަމަލުތަކުގައި 05 މާރޗް 2013 ވަނަ ދުވަހު ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ކުޑަކުދީން އަދި އުމުރުން ދުވަސްވީ މުސްކުޅީންނާއި މެދު، އެއްވެސް ބެލުމެއްނެތި އަދި ކޮންބައެއްކަން ވެސް ނޭނގޭ ގޮތަށް މޫނު ފޮރުވައިގެން ތިބި ބަޔަކު ފުލުހުންގެ ނަމުގައި ކާކުކަންވެސް ނޭނގޭ ގޮތުގައި އަނިޔާވެރިކަމާއެކު މީހުން ހައްޔަރުކުރަމުންދާ ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ވީހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކޮށް މާލޭގެ މަގުތަކުގައި ގިނަ ޢަދަދެއްގެ ރައްޔިތުން މިނިވަންކަމާއެކު، އިޚްތިޖާޖް ކުރަމުން ދަނިކޮށް، އެއްވެ ތިބި އެތަކެއް ސަތޭކަ ބައެއްގެ ތެރެއަށް ދުވަމުން ވަދެ، ހަޑިހުތުރު އެއްޗެހި ގޮވަމުން އަނިޔާކުރަމުން ދިއުމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ކަނޑައެޅިގެން ޚިލާފަށް ހިންގަމުންދާ ނުރައްކާތެރި ޖަރީމާއެއް ކަމަށް ވީހިނދު، މިފަދަ ޢަމަލުތައް ހުއްޓުވައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ދައުލަތާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 145ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ" ކަމަށެވެ.
ކުއްލި މައްސަލަ އާ ގުޅިގެން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ، އިއްޔެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ފުލުހުން ގެންގޮސްފައި ވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި އަދި ހައްޔަރުކޮށްގެން ދޫނިދު އަށް ގެންގޮސް ބަންދުގައި ބަހައްޓާފައި ވަނީ ކާންވެސް ނުދީ ކަމަށް މޫސަ ވިދާޅުވި އެވެ.
އެހެންކަމުން ހިއުމަން ރައިޓްސް ކޮމިޝަނަށާއި އެހެނިހެން މިކަމާ ގުޅޭ ދާއިރާތަކަށް އެ މައްސަލަ ބެލުމަށް މޫސަ ވަނީ ގޮވާލެއްވި އެވެ.