Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ޕާނުގެ ބަދަލުގައި މޭވާ އާއި ތަރުކާރީ ކަމާ!

1. އަލުވި

އަލުވީގައި ކާބޯހައިޑްރޭޓްސް ގިނައިން ހުންނަ ނަމަވެސް، ޕާނުގެ ބަދަލުގައި އަލުވި ބޭނުން ކުރުމަކީ ރަނގަޅު ކަމެކެވެ. އެއީ ކާޑިއޯ ކަސްރަތު ކުރާ ފަރާތްތަކަށް ވަރަށް ރަނގަޅު ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް އަލުވީގައި ހުންނާތީއެވެ. ކަސްރަތު ކުރުމަށްފަހު ހަށިގަނޑަށް އެންމެ ބޮޑަށް ބޭނުންވާނެ ނިއުޓްރިއެންޓަކީ ކާބޯހައިޑްރޭޓްސް އެވެ. އެވަގުތުކުގައި ޕާން ކެއުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އެއީ ޕާނުގައި ގިނަ އަދަދަކަށް ހުދު ފުށް (މައިދާ) އެކުލެވިގެންވާތީ އެވެ.

2. ބޮޑު މިރުސް (ބެލް ޕެޕާ)

ކުލަގަދަ ސެލެޑްތައް ތައްޔާރު ކުރުމަކީ ދުޅަހެޔޮކޮށް ކާ މީހުން ވަރަށް ގިނައިން ކުރާ ކަމެކެވެ. އެހެންކަމުން ކުލަގަދަ ސޭންޑްވިޗެއް ތައްޔާރު ކުރުމަށްޓަކައި ވެސް ބޮޑު މިރުސް ބޭނުން ކުރެވޭނެ އެވެ. އެއީ ބޮޑު މިރުހަކީ ވަރަށް ގިނަ ކުލަކުލައިން ލިބެން ހުންނަ އެއްޗެކެވެ. ބޭނުންނަމަ ބޮޑު މިރުސް ގްރިލް ކޮށްފައި އޭގެ މައްޗަށް ޗީޒް، ޒައިތޫނި އަދި ލެޓިއުސް ފަތް އަޅައިގެން ތައްޔާރުކޮށްލެވިދާނެ އެވެ.

3. ބަށި

ސޭންޑްވިޗް ހަދާއިރު ޕާން ބޭނުން ކުރުމުގެ ބަދަލުގައި ބަށި ތުނިކޮށް ފޮތި ޖަހާފައި ބޭނުންކުރާށެވެ. އެގޮތުން ދެ ފޮތި ދެމެދަށް ބޮޑު މިރުސް، ޗީޒް އަދި މަސް ނުވަތަ އަލުވި އަޅައިގެން ވެސް ތައްޔާރު ކޮށްލެވިދާނެ އެވެ.

4. ޓޮމާޓޯ

އާންމުކޮށް ސޭންޑްވިޗް ތައްޔާރުކުރާއިރު ދެ ފޮތި ޓޮމާޓޯ އަޅައެވެ. ދުޅަހެޔޮ ސޭންޑްވިޗެއް ބޭނުންނަމަ، ދެ ފޮތި ޕާން ނަގާލުމަށްފަހު ސޭންޑްވިޗް ކާށެވެ. އެތެރޭގައި ހުންނަ އެއްޗެއްސަށް ބަދަލު ނުގެނެސް، ޕާނުގެ ބަދަލުގައި ޓޯމާޓޯ ބޭނުން ކުރެވިދާނެ އެވެ.

5. ކިއުކަމްބާ

ކިއުކަމްބާ އަކީ ޕާނުގެ ބަދަލުގައި ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. ކެލޮރީސް މަދު އަދި ފައިބާ ގިނައިން ހުންނަ ކިއުކަމްބާ އަކީ ދުޅަހެޔޮ ސޭންޑްވިޗެއް ކާލަން ބޭނުން މީހަކަށް އޮތް އެންމެ ރަނގަޅު ގޮތެވެ.

6. އާފަލު

އާފަލަކީ ކާބޯހައިޑްރޭޓްސް ގިނައިން ހުންނަ އެއްޗެކެވެ. ބޭނުންނަމަ ޕީނަޓް ބަޓަރ ކޮޅެއް އާފަލު ފޮއްޗެއް މަތީގައި ހާކާލައިގެން ބަނޑުހައިވާ ވަގުތުތަކުގައި ލުއި ކާނާއެއްގެ ގޮތުގައި ކެވިދާނެ އެވެ.

7. ލެޓިއުސް

ލެޓިއުސް ބޭނުންކޮށް ރޯލެއް ތައްޔާރުކޮށްލެވިދާނެ އެވެ. އާންމުކޮށް ކުކުޅު ރޯލާއި ތަރުކާރީ ރޯލް ތައްޔާރު ކުރުމަށް ބޭނުންކޮށް އުޅެނީ ޕަރާތާ، ޕާން ނުވަތަ ރޮށްޓެވެ. އޭގެ ބަދަލުގައި ލެޓިއުސް ބޭނުންކޮށްލުމަކީ އޭގެ އެންމެ ދުޅަހެޔޮ ގޮތެވެ.

8. އަލަނާސި

މޭވާ ސޭންޑްވިޗްތައް ތައްޔާރު ކުރާއިރު ޕާނުގެ ބަދަލުގައި އަލަނާސި ފޮތި ބޭނުންކޮށްލުން ވަރަށް ބުއްދިވެރި އެވެ. އަލަނާސި ފޮތިތައް ގްރިލް ކޮށްލުމަށްފަހު އޭގެ މައްޗަށް ރޯސްމެރީ ނުވަތަ ފެނެލް އަޅައިގެން ކެއުމަކީ ހަށިގަނޑަށް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ލިއްބައިދޭ ކަމެކެވެ.

9. ކެބެޖް

ލެޓިއުސް އެކޭ އެއްފަދައިން ރޯލް ތައްޔާރު ކުރުމަށް ކެބެޖް ބޭނުން ކުރެވިދާނެ އެވެ. އެއީ ފައިބާ އާއި ވިޓަމިން ކޭ އަދި ސީ ލިއްބައިދޭ ދުޅަހެޔޮ ތަރުކާރީއެކެވެ. އެގޮތުން ކެބެޖް ފަތެއްގެ ތެރެއަށް ތަރުކާރީ އާއި އަލުވި ނުވަތަ ކުކުޅު އެޅުމަށްފަހު އެއްކޮޅުން އަނެއް ކޮޅަށް އޮޅާލައިގެން ރޯލް ތައްޔާރުކުރެވޭނެ އެވެ.

10. ކެރެޓް

ކިއުކަމްބާ އަކީ އެއްފަދައިން ކެރެޓް ފެސް ފޮތިކޮށްގެން ކުޑަކުޑަ ސޭންޑްވިޗް ތައްޔާރު ކުރުމަށް ބޭނުންކުރެވޭނެ އެވެ. ނަމަވެސް ބޭނުންކުރުމުގެ ކުރިން ކެރެޓް ކުޑަކޮށް ފެނުކައްކާށެވެ. އެއިރުން ކާން ފަސޭހަވާނެ އެވެ. ހިތުގެ މައްސަލަތައް ހުންނަ މީހުންނަށް ދުޅަހެޔޮކޮށް ކާން ޑޮކްޓަރުން ލަފާދޭނެ އެވެ. އެފަދަ މީހުން މާބޮޑަށް ސޭންޑްވިޗް ކާ ހިތްވާނަމަ، ޕާނުގެ ބަދަލުގައި ކެރެޓް ބޭނުންކޮށްގެން ސޭންޑްވިޗް ހަދާށެވެ.