Last Updated: March 28, 14:17
Thursday, March 28, 2024
ދުނިޔެ

ރޭލު އެކްސިޑެންޓެއްގައި މިސްރުން ގިނަ ބަޔަކު މަރުވެއްޖެ

މިޞްރުގެ އައްސޭރިފަށުގައި އޮންނަ ސިޓީއެއް ކަމަށްވާ އެލެކްސޭންޑްރިއާ ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 40 އަށްވުރެ ގިނަ މީހުން މަރުވެ ގާތްގަނޑަކަށް 180 މީހުންނަށް އަނިޔާވެއްޖެ އެވެ.

މިޞްރުގެ ކެބިނެޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށާއި، ދެ ރޭލު ނެގުމަށްފަހު ފައިނަލް އަދަދެއް އިއުލާން ކުރެވޭނެ ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ ހުރު ދުވަހު ކައިރޯ އިން އެލެކްސޭންޑްރިއާ އަށް ދަތުރުކުރަމުން ދިޔަ ރޭލަކާއި ޕޯޓް ސާއިދްގެ ކެނަލް ސިޓީ އިން ދަތުރުކުރަމުން އައި ރޭލަކާއި ޖެހުމުގެ ސަބަބުންނެވެ.

އެ ހާދިސާ ހިނގި ސަރަޙައްދު މިހާރު ވަނީ ބަންދުކޮށްފަ އެެ. އަދި ސަލާމަތީ ބާރުތަކުން ދަނީ ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތާއި ދަނގަޑުތަކުގެ މަތިން ރޭލުގެ ބައިތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ކައިރޯ-އެލެކްސޭންޑްރިއާ ގެ ޓްރެއިން ގެ ޑްރައިވަރު ވަނީ އޭނާ އަމިއްލައަށް ފުލުހުންނާއި ހަވާލުވެފަ އެވެ. އަދި ތަހުޤީގަށްޓަކައި މިހާރު އޭނާ ވަނީ އެލެކްސޭންޑްރިއާގެ ފުލުސް އޮފީހަށް ގެންގޮސްފައެވެ.

މިޞްރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ނަބީލް ސާދިޤް ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި ވަރަށް އަވަސް ތަހުޤީގެއް ކުރުމަށް އަމުރުކުރައްވާފަ އެވެ.

ރައީސް އެލް-ސީސީ ވަނީ އެ ހާދިސާގައި ގެއްލުންވި ހުރިހާ މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ރޭލު އެކްސިޑެންޓްތަކަކީ މިޞްރުގައި ވަރަށް އާންމު ކަމެކެވެ. އެގޮތުން 2016 ވަނަ އަހަރު ދެކުނު ކައިރޯ ގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ފަސް މީހުން މަރުވެ 27 މީހުންނަށް ވަނީ އަނިޔާވެފައެވެ.

އަދި 2013 ވަނަ އަހަރު ޖިޒާ ގައި ހިނގި އެފަދަ ހާސިދާއެއްގައި 19 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން 2012 ވަނަ އަހަރު ވެސް ރޭލު އެކްސިޑެންޓެއްގައި މިޞްރުގެ 51 މީހުން ވަނީ މަރުވެފަ އެވެ.

މިޞްރުގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓް ހިނގާފައި ވަނީ 2002 ވަނަ އަހަރު އެވެ. އެ ހާދިސާގައި ހަތް ބައި ހުރި ރޭލެއްގައި އަލުފާން ރޯވުމުގެ ސަބަބުން މަދުވެގެން 360 މީހުން މަރުވިއެވެ.