Last Updated: June 11, 13:15
Thursday, June 11, 2026
ރިޕޯޓް

އަނބިމީހާ އަށް ފިރީމީހާ "ފޮރުވައިގެން" އުޅޭތާ ޒަމާންތަކެއް!

މީގެ ހަ އަހަރު ކުރިން ކައިވެނި ކުރި ސ. ހިތަދޫ އުމުރުން ދުވަސްވީ ދެ މީހަކު އެކުގައި އުޅެމުން ދަނިކޮށް، އަނބިމީހާ އަށް ފިރީމީހާ "ފޮރުވި" މައްސަލައެއް އަންހެން މީހާގެ އާއިލާގެ ފަރާތުން ހިތަދޫ މެޖިސްޓްރޭޓް ކޯޓަަށް މިއަދު ހުށަހަޅައިފި އެވެ.

އަންހެން މީހާގެ އާއިލާގެ ފަރާތުން "އައްޑޫ ލައިވް" އާ ވާހަކަ ދެެއްކި މީހަކު މިއަދު ބުނީ މީގެ ހަ އަހަރު ކުރިން ކައިވެނި ކުރި އުމުރުން 50 އަށް ވުރެ މައްޗަށް ގޮސްފައިވާ ހިތަދޫ މުލައްމާގޭ ރެކީދީދީ އާއި އެ ރަށު ބަންދޫސްވިލާގެ ފާތުމަތު އަލީ (ފާތުމާ) ކައިވެނިކޮށްގެން އުޅެނިކޮށް ފާތުމަ އަށް ރެކިދީދީ "ފޮރުވައިގެން" އުޅެނީ ރެކިދީދީގެ އާއިލާގެ މީހުން ކަމަށެވެ.

"އެ ދެ މީހުން ކައިވެނިކޮށްގެން ވަރަށް އުފަލުގައި އުޅެމުން ދަނިކޮށް ފާތިން ދައްތައަކީ ސިކުނޑި ހަމަނުޖެހޭ މޮޔައެއް ކަމަށާއި އަދި ރެކިދީދީ އަށް ޖުޒާމް ބަލި ޖެހިފައިވާ ކަމަށް ބުނެ އޭނާގެ އާއިލާ އިން އޭނާ ގެނެގޮސް ފާތިން ދައްތަ އަށް ބައްދަލު ނުކޮށް ދޭތާ ވެސް މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. މިކަމާ ފާތިން ދައްތަ އަބަދު ދެރަވެގެން ހިތާމަ ކުރަނީ. އޭނާގެ އާއިލާ އަކު ނެތް އެހާ ބޮޑަށް އެހާ ބޮޑަަށް އަޅާލައި ހަދާ މީހެއް ވެސް،" ފާތުމާގެ އާއިލާ އަށް ނިސްބަތްވާ މީހަކު ބުންޏެވެ. "ދެން އޭނާ އެކަނި މާއެކަނި ގޭގައި ދިރިއުޅެމުން އަންނަނީ."

އޭނާ އިތުރަށް ބުނީ ފާތުމަ މީގެ ކުރިން ދެ ކައިވެންޏެއްކޮށް ހަތަރު ކުދިން ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ކުދިން އުޅެނީ ރަށުން ބޭރުގައި ކަމަށާއި އެ މީހުންގެ އަޅާލުމެއް ވެސް ފާތުމަ އަށް ލިބެމުން ނުދާ ކަމަށެވެ.

ފާތުމަ ނޫން މީހަކާ ރެކިދީދީ މީގެ ކުރިއަކުން ކައިވެންޏެއް ނުކުރެ އެވެ. އަދި އޭނާގެ ދަރިއެއް ވެސް ނެތެވެ.

"އަޅުގަނޑުމެން ވެސް ވަރަށް ގިނަ ދުވަހު ރަށުން ބޭރުގައި އުޅެފައި ރަށަށް ދާދި ފަހުން މި ބަދަލުވީ. އެހެންވެ ކުރިއަކުން ނޭނގޭ ފާތިން ދައްތަ އަށް މިކަހަލަ ހިތާމަވެރި ހާދިސާއެއް ދިމާވެގެން އުޅޭ ކަމެއް،" އޭނާ ބުންޏެވެ. "ދެން އެކަން އެނގުނުތާ މާ ގިނަ ދުވަހެއް ވެސް ނުވަނީސް އަޅުގަނޑުމެން މި މައްސަލަ ކޯޓަަށް ހުށަހެޅީ ވެސް."

އޭނާ އިތުރަށް ބުނި އިނދެގެން އުޅުނު ދެ މީހަކު ވަކިކޮށް، ފިރިމީހާ ފޮރުވައިގެން އޭނާގެ އާއިލާ އިން އުޅުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރެކިދީދީ އަށް ޖުޒާމް ބަލިޖެހިފައިވާ ކަމަށް ބުނެފައި ވިޔަސް އެކަން ކަށަވަރު ނުވާ ކަމަށް ފާތުމަގެ އާއިލާ އަށް ނިސްބަތްވާ މީހާ ބުންޏެވެ.