ޕީޕީއެމްގެ ފަރާތުން މިއަދު ހަވީރު ހިތަދޫގައި ބާއްވާ އިވެންޓަށް ދިއުމަށް މުވައްޒަފުންނަށް އަންގާފައިވާނެ ކަމަށް ހިތަދޫ ޕޯޓްސް ލިމިޓެޑް(އެޗްޕީއެލް)ގެ އެސިސްޓެންޓް މެނޭޖަރ މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވިދާޅުވެއްޖެއެވެ.
މޯޑް މިހެން ވިދާޅުވީ، ޕީޕީއެމްގެ އިވެންޓްގައި އެޗްޕީއެލްގެ މުވައްޒަފުން ބައިވެރިކުރުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ތަކާއި ގުޅިގެން 'އައްޑޫލައިވް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މޯޑް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ކުންފުންޏެއްގެ މުވައްޒަފުން ސަރުކާރުން ބާއްވާ ކަމެއްގައި ދިއުމަކީ މައްސަލައެއް ނޫން ކަމަށާއި، އަދި (ޕީޕީއެމް) އިވެންޓްގައި ބައިވެރިވުމަށް މުވައްޒަފުންނަށް އަންގާފައި ވާނެ ކަމަށެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި އެޗްޕީއެލްގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި ޕީޕީއެމްގެ އިވެންޓްގައި ބައިވެރިވާ މުވައްޒަފުންގެ ހާޒިރީ ވެސް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.