Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ތިޔައީ އަސުރުމާ ސޮލިއުޝަނެވެ. އިންސާފެއް ނޫނެވެ.

ނުފެށޭ ޝަރީޢަތެއް އަދި ފެށޭނެ ކަމުގެ ޔަގީންކަންވެސް ނެތް ޝަރީޢަތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އެހުންނެވީ ހުރަގެއަށް ލައި ބަންދު ކުރެވިފައެވެ. ވީއްލާފައި ބެހެއްޓުމަކީ ގައުމަށް ނުރައްކަލެއް ކަމަށް ފެނިގެންނެވެ.

މުޖުތަމައަށް ނުރައްކާތެރި ކުށްވެރީންކަމަށް ފެނިގެން އަދި އާއްމުންގެ ތެރެޔަށް ވީއްލާފައި ބޭތިއްބުން ރައްކާތެރި ނޫންކަމަށް ފެނިގެން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދުވެސް ވަނީ ހުރަގޭގައި ބަންދު ކުރެވިފައެވެ.

މަޖިލީހުގެ ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނުގެ ހާލު އަދި މިއަށްވުރެވެސް ގޯހެވެ. ހޯދާ ނުފެނިފައިވާ ކުށްވެރިޔެކޭ ބުނެ އާއްމުކޮށް އިއުލާންކުރުމަށްފަހު ހުރަގެޔަށްވެސް ލައިގެން އުޅެނީ މުޖުތަމައަށް ދޫކޮށްލާފައި ބަހައްޓަން ހަމައެއްގޮތަކަށްވެސް ނުފެންނާތީއެވެ. ސައުދުގެ މަންމަ އެނދުމަތި ކުރެވިފައި މަރާ ހަނގުރާމަކުރަމުން ދިޔައިރު އެމަންމަގެ ކައިރީގައި ހުރުމަށްވެސް ހުއްދައެއް ނުދެވުނެވެ. މަރުވީމާ މޫނު ދައްކަން ގެނެސްފައި ލަސްނުކޮށް ދެންވެސް ގެންދިޔައީ ހުރަގެޔަށެވެ. ޓެރަރިސްޓުންގެ ބައްޕަޔަކީ ސައުދުކަމަށް ހީވާ ބީދަޔަކުންނެވެ.

މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއަކީ އެބޭފުޅުންގެ ޒުވާން އުމުރު ގައުމުގައި އަމާންކަން ގާއިމުކުރުމަށް ރެޔާއިދުވާލު މަސައްކަތްކުރެއްވި ޚިދުމަތްތެރީންނެވެ.

ގައުމުގެ ދިފާއީ އައްޑަނަޔަކަށް އެބޭފުޅުންގެ މޭ ހައްދަވައިގެން ގައުމު ދިފާއު ކުރެއްވި ބަތަލުންނެވެ. އެކަމަކު މިއަދު ގައުމީ ސަލާމަތަށް ނުރައްކަލަކަށްވެގެން ދުވާލަކު ހަތަރު ފަސްފަހަރު ތަހުގީގަށް އެބަ ހާޒިރު ކުރެއެވެ. ޝަރީޢަތެއް ވެސް އެބަގެންދެއެވެ.

ނަސްރު ދޭން ވާނީ ހައްގަށޭ ބާތިލް ކަންކަމަށް ބުނާންވާނީ ނޫނެކޭ އޭ ވިދާޅުވިކަމަށްޓަކައި ޓެރަރިޒަމުގެ ދައުވާކުރެވި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އެހުންނެވީ ދިގު މުއްދަތަކަށް ހުރަގެއަށް ލެވިފައެވެ. ނުގެންގުޅުއްވާ ފިސްތޯލައެއް ފެނިގެން ނުކުރައްވާ ކުށަކަށް ދައުވާ ކުރެވި ކާނަލް ނާޒިމު އެހުންނެވީ އެންމެ ބޮޑު މުޖުރިމަކަށް ހަދައިފައި ހުރަގޭގައެވެ. މަޝްހޫރު ގުއަންޓަނަމޯބޭ ޖަލުގައި ޓެރަރިސްޓުން ހައްޔަރުކުރެވޭ ބީދައިންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމްގެ އަމިއްލަފުޅު ޖީބުން ޚަރަދު ކުރައްވައިގެން ކެމްޕޭނުކޮށްދެއްވައި ރައްޔިތުންނަށް އާދޭސް ކުރައްވައިގެން މަޖިލީހަށް ހޮއްވަވައި ދެއްވި ބައެއް މެންބަރުންނަށް އެމަނިކުފާނު ކުރެއްވި އިލްތިމާސަކުން އެމަނިކުފާނުވެސް ކުށްވެރިކޮށްފިއެވެ. އެމަނިކުފާނު ވިދާޅުވީ އެމެންބަރުން ހޮވުނު ހާލަތަށް އަލުން ރުޖޫއަވުމަށް އެދިވަޑައިގަންނަވާ ވާހަކައެވެ. އެހިސާބުން ރިޝްވަތު ދިނުމާއި ނުފޫޒު ބޭނުން ކުރުމާއި މިހެންގޮސް ލައްކަ ގިނަ ދައުވާތައް އުފުލައިފިއެވެ. ހައްޔަރުކޮށްގެން އުޅެއުޅެފައި ސަރިޔަތަށްވެސް ފޮނުވައިފިއެވެ. ފިއްލަވައިފާނެޔޭ ބުނެ ޕާސްޕޯޓުވެސް ހިފަހައްޓައިފިއެވެ.

ރައްޔިތުންގެ މަޖިލީސް ކުރާގެޔަށް ވަދެވަޑައިގަތީމާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާޔާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ނޮޅިވަރަމް ދާއިރާގެ ހުސައިން އަރީފާއި ގަލޮޅުދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި މިހެންގޮސް ދޮޅަސްސޯޅަ މެންބަރުން ދުވާލު ދެދަޅަޔަށް ތަހުގީގަށް އެބަގެންދެއެވެ. މުޖުތަމައަށް ނުރައްކާތެރި ބަޔަކަށް ވެގެން އެބޭފުޅުންގެ ވަށައިގެން ވަރުގަދަ ދަލެއްވެސް ވަނީ ފަތުރައިފައެވެ. ފިއްލަވައިފާނޭ ކަމުގެ ބިރުބޮޑުކަމުން ޕާސްޕޯޓުތައްވެސް ވަނީ ހިފެހެއްޓިފައެވެ.

އުމުރުގެ މިހާތަނަށް އައިއިރު ދުވަހަކުވެސް މާރާމާރީއެއް ނުހިންގާކަން އެންމެންވެސް ދަންނަ ނޫސްވެރިޔާ ހުސައިން ފިޔާޒު ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގުމުގެ ކުށުގައި ދައުވާކުރެވި ހުކުމް އިއްވުމާއި ވަރަށް ކައިރިވެއްޖެއެވެ. ފިޔާޒަކީ ގައިގައި ހަފާން އިންނަ މަދިރިވެސް މަރާނުލައި ފަރުޖެއްސޭތޯ ބަލައިއުޅޭ މީހެކެވެ. އެކަމަކު މާރާމާރީ ހިންގާތީ މުޖުތަމައަށް ނުރައްކާތެރި މީހަކަށް ހަދައި އޭނާ ހުރަގެޔަށް ލެވޭތޯ ބަޔަކު ގަދައަޅައި މަސައްކަތް ކުރަނީއެވެ. ހުކުމް އަންނާނީ ހުރަގެޔަށްކަން ޔަގީންކޮށް ބައެއް މީހުން މިހާރުވެސް ސޯޝަލް މީޑިއާގައި އުފާ ފައުޅުކުރާ މަންޒަރު އެބަފެނެއެވެ.

އަނިޔާ ނުކުރާށޭ މުވައްސަސާތަކުގެ މިނިވަންކަމަށް ހުރަސްނާޅާށޭ ގާނޫނުއަސާސީއަށް ތަބާވާށޭ ގޮވަމުން މަގުމައްޗަށް ނުކުތީމާ އުމުރުން ހަތްދިހަ އަހަރުވެފައިހުރި ނައީމާއްތަ ވެސް ކުށްވެރިވެއްޖެއެވެ. މުޖުތަމައުގެ ހަމަޖެހުމާއި ސަލާމަތަށް ބޮޑުވެގެންވާ ނުރައްކަލަކަށް ވެގެން ނައީމާއްތަ ހައްޔަރުވެސް ކުރެވިއްޖެއެވެ. ނައީމާއްތަ އެކަންޏެއް ނޫނެވެ. ޒުވާނެއް މުސްކުޅިޔެއް އަންހެނެއް ފިރިހެނެއް ތަފާތުނުކޮށް މިކުށުގައި ވަރަށް ގިނަބަޔަކު ހައްޔަރު ކުރެވިއްޖެއެވެ. ޚުލާސާގޮތެއްގައި މިބަލައިލެވުނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ކަމަށް ތަންފީޒީ ބާރުތަކުން މިއަދު ދެކޭ ބައެއް ކަންކަމަށެވެ. އެކުށްކުށުގެ ތުހުމަތު ކުރެވުނު މީހުންނަށެވެ.

ސިޔާސީ މީހުން ފަހައިދުވެ ސިޔާސީގޮތުން އަސުރުމަލުގެ ފިކުރާ ފުށުއަރާ މީހުން އެކިކަހަލަ ގޮޅިގޮޅިޔަށް ފެއްތުމަށް ތަންފީޒީ ބާރުތަކުން މިވަރަށް އަވަދިނެތި އުޅޭއިރު ހަގީގީ މުޖުރިމުން ތިބެނީ ވީއްލިފައެވެ. ވައްކަމާއި މާރާމާރީ އާއި މީހުން މެރުންފަދަ ބޮޑެތިބޮޑެތި ޖަރީމާތަކުގެ ތުހުމަތު ކުރެވޭ މީހުން ހަމަ ބަރާބަރަށް ވީއްލިގެން މަގުމަތީގައި އުޅޭނެ ގޮތަކަށް އުޅޭން ދޫކޮށްލެވިފައިވާ މަންޒަރު އެބަފެނެއެވެ.

ދެވަނަ ފުރުސަތާއި ތިންވަނަ ފުރުސަތުގެ ދަށުން އަފޫކުރެވޭ މަންޒަރު އެބަފެނެއެވެ. މޮނިކޮމް ގާނޫނުގެ ދަށުން ފައިގައި ޓެގް އެޅުވިފައިވާ މީހުންވެސް އިތުރު ކުށްކުށަށް ތަކުރާރުކޮށް އަރައިގަތުމަށް ފުރުސަތު އެބަދެވެއެވެ. ބޮޑެތި ކުށްތައް ހިންގާފައި ޓީވީތަކުން އެވާހަކަ ގޮވީމާ ފުރަފުރައިގެން ބޭރަށްވެސް އެބަދެވެއެވެ. އެމީހުންގެ ޕާސްޕޯޓެއްވެސް ހިފެހެއްޓޭކަމަކަށް ނުވެއެވެ.

މިހިސާބަށް ދިޔައީމާ ގައުމީ ސަލާމަތަށް ނުރައްކަލީ ކޮންކަމެއް ކުރާ ކޮންބައެއްތޯ ސުވާލު އުފެދިއްޖެއެވެ. ތަންފީޒީ ބާރުތަކުން ގާއިމުކުރާ އިންސާފުގެ އެކޮޅުމިކޮޅާއި މެދު ސުވާލު އުފެދިއްޖެއެވެ. މިސުވާލުތައް އުފެދި މީގެ ޖަވާބާއިމެދު ވިސްނީމާ ވިސްނުނީ ވަރަށް އެހެން ކަހަލަ އެއްޗެކެވެ.

އަހަރެމެންނަށް މިއުޅެވެނީ އިންސާފު ގާއިމުކުރުމުގެ މަސައްކަތުގައެއް ނޫނެވެ. އަހަރެމެންނަށް މިއުޅެވެނީ އަސުރުމާ އޮޅިޔަށް ސޮލިއުޝަންތައް ހޯދައިދިނުމުގެ މަސައްކަތުގައެވެ. ކުރެވެމުން މިދަނީ އަސުރުމައު އޮޅީގެ މައްޗަށް ރާޅެއް ބިންދާނުލައި ފަރުޖެއްސެން އޮތިއްޔާ އޮތް މަގެއް ހޯދުމުގެ މަސައްކަތެވެ. އޭޖީއަކަސް ޕީޖީއަކަސް ސީޕީއަކަސް އޭބީސީޑީއަކަސް ހޭބޯނާރައި އުޅެނީ މިމަސައްކަތުގައެވެ. ގައުމަކާއި ގައުމެކެވެ. ދައުލަތަކާއި ދައުލަތެކެވެ.