ރައްޔިތުންގެ މަޖިލީހުގެ 6 ދާއިރާއެއް ތަމްސީލު ކުރައްވާ މެމްބަރުންގެ އިނާޔަތްތަކާއި އިމްތިޔާޒުތައް ކަނޑާލައިފިއެވެ.
މުސާރައާއި އިނާޔަތް ކަނޑާލާފައިވާ ހަ މެމްބަރުންނަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން، މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް، ދަނގެތީ ދާއިރާގެ މެމްބަރު އިލްޙާމް އަހުމަދު އަދި މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންއެވެ.
މަޖިލީހުގެ އަމީން އާންމު ސޮއިކުރައްވައި ނެރުނު މެމޯއެއްގައި މި ހަ މެމްބަރުންނަކީވެސް މަޖިލީހުގެ މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، މެމްބަރުން ތަމްސީލު ކުރައްވާ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވާތީ މެމްބަރުންގެ އިނާޔަތާއި މުސާރަ ކަނޑާފައިވާ ކަމަށް އިއުލާން ކޮށްފައިވެއެވެ.
މި ހަ މެމްބަރުންގެ ތެރެއިން ސިނާނާއި އިލްހާމް ފިޔަވައި ދެން ތިބި މެމްބަރުންނަކީ އީސީ އިން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވާ ހަތަރު މެމްބަރުން ކަން ފާހަގަކޮށްލެވެއެވެ. އަދި މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށާއި އެއީ އިލެކްޝަންސް ކޮމިޝަނަށް ލިބިފައި އޮންނަ ހައްގެއް ނޫންކަމަށް މެމްބަރުންގެ ވަކީލުން ވަނީ ބުނެފައެވެ.