Last Updated: June 29, 19:00
Monday, June 29, 2026
ޚަބަރު

ނޭޕާލްގައި ފެންބޮޑުވެ ދިވެހި ދަރިވަރުން ހާލުގައި ޖެހިއްޖެ

ނޭޕާލުގައި ދިވެހި ދަރިވަރުން އުޅޭ ހޮސްޓެލްގައި ފެންބޮޑުވެފައި - ފޮޓޯ: ސަން

ނޭޕާލް ގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅޭ ސަރަޙައްދެއްގައި ފެންބޮޑުވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ދެ ކޯރެއް ބަންޑުންވެގެންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ހަވާލާދީ ވަގުތު ނޫހުން ރިޕޯޓް ކުރާ ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ދިވެހި އެއްވެސް ދަރިވަރެއްގެ ފުރާނައަށް ނުރައްކާވާ ވަރަށް ޙާލަތު ގޯސްވެފައި ނުވާ ކަމަށާއި، ނޭޕާލްގައި ހުންނަ އޮނަރަރީ ކޮންސިލް އިން ދިވެހި ދަރިވަރުންގެ ހާލު ބަލަމުން އަންނަ ކަމަށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ފެންބޮޑުވެފައި ވަނީ ނޭޕާލްގެ ނޮބެލް މެޑިކަލް ކޮލެޖްގެ ހޮސްޓެލްއެއްގައެވެ. އެ ހޮސްޓެލްގައި ދިރިއުޅެނީ ހަމައެކަނި ދިވެހި ދަރިވަރުން ކަމަށާއި، ޖުމްލަ 33 ދަރިވަރަކު އެތަނުގައި ދިރިއުޅޭކަން އެނިގިފައިވެއެވެ.

އެ ހޮސްޓެލްގައި ދިރިއުޅޭ ހުރިހާ ދަރިވަރުން ވެސް ވަނީ މިހާރު އިމާރާތުގެ މަތީ ފަންގިފިލާތަކަށް ބަދަލުވެފައެވެ.

ނޭޕާލް އަށް ކުރަމުންދާ ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 30 އަށްވުރެ ގިނަ މީހުން މަރުވެ، އިތުރު އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ވިއްސާރައިގެ ސަބަބުން ދެ ކޯރު ބަންޑުންވެފައި ވަނީ އިންޑިއާ އާއި ނޭޕާލް އާއި ދެމެދު އޮންނަ ބޯޑަރު ކައިރީގައެވެ. އެހެންކަމުން އެ ވިއްސާރައިގެ ސަބަބުން އިންޑިއާގެ ބިހާރްގައި ވެސް ފެންބޮޑުވެދާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ. ބިހާރްގެ ސަރުކާރުން ވަނީ ފެންބޮޑުވެދާނެ ކަމުގެ އެލާޓެއް ނެރެފައެވެ.