Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އީޔޫގެ 15 ޤައުމަކަށް ފިޕްރޮނިލް ހުރި ކުކުޅުބިސް

ހޮންގް އާއި ސްވިޒަލޭންޑްގެ އިތުރުން ޔޫރޮޕިއަން ޔޫނިއަން (އީޔޫ) ގެ 15 ޤައުމަކަށް ފިޕްރޮނިލް ހުރި ކުކުޅު ބިސް ލިބިފައިވާ ކަމަށް ޔޫރޮޕިއަން ކޮމިޝަނުން ބުނެފި އެވެ.

އެކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު މިނިސްޓަރުންނާއި ރެގިއުލޭޓަރުންނާއި އެކީ އެ ކޮމިޝަނުން ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

އެ ކޮމިޝަންގެ ފުޑް ސޭފްޓީ ޗީފް ވަނީ އެކަކު އަނެކަކުގެ ބޮލުގައި އިލްޒާމްތައް އެޅުވުން ހުއްޓާލުމަށް ހުރިހާ ޤައުމްތަކަކަށް ގޮވާލާފައެވެ.

ކުކުޅު ބިސްތަކުގައި ފިޕްރޮނިލް ހުރިކަން ބެލްޖިއަމް އާއި ނެދަލޭންޑްސްގެ ކަމާއިބެހޭ ފަރާތްތަކަށް އެނގިހުރެ ފޮރުވަމުންދާތާ ކިތައް ދުވަސް ވެއްޖެ ކަމާއިމެދު މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ކުކުޅު ބިސް އާންމުކޮށް އެތެރެކުރަނީ ނެދަލޭންޑްސްއިންނެވެ. އެ ބިސްތަކުގައި އުކުނާއި އެހެނިހެން ކުދިކުދި ސޫފާސޫފި މެރުމަށް ބޭނުންކުރާ ނުރައްކާތެރި ފިޕްރޮނިލް ހިމެނޭކަން ވަނީ ހާމަވެފައެވެ. ފިޕްރޮނިލް އަކީ އީޔޫ އިން ކާބޯތަކެތީގައި ބޭނުންކުރުން މަނާކޮށްފައިވާ މާއްދާއެކެވެ.

ލަފާކުރެވޭ ގޮތުގައި ފިޕްރޮނިލް ބޭނުންކޮށްފައި ވަނީ ހުއިހައްޕާ ދަނޑުތަކުގައި ކުކުޅުތައް އަޅާ ބިސްތަކަށް އުކުނުގެ އަސަރުކުރުމުން، އެ އުކުނުތައް ނައްތާލުމަށެވެ.

ފިޕްރޮނިލް އަކީ މާގިނައިން ކައިފިނަމަ ކިޑްނީ އާއި ލިވާގެ އިތުރުން ޓައިރޮއިޑް ހޮޅިތަކަށްވެސް ނޭދެވޭ އަސަރުކުރާ އެއްޗެކެވެ.