ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ތަރައްޤީ އަށް ކުރައްވާ މަސައްކަތްޕުޅަކީ ބަޔަކަށް ހަޖަމު ކުރެވޭ ވަރުގެ މަސައްކަތެއް ނޫން ކަމަށް ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރަޝީދު މިހެން ވިދާޅުވީ، އިއްޔެ ހަވީރު ހިތަދޫގައި "ތަރައްޤީ އާއި އެކު ރައްޔިތުން" ނަމުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރަޝީދު ވިދާޅުވީ ރައީސް ޔާމީން ބާރު ސްޕީޑުގައި ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދިއުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުން އެބޭފުޅުންނަށް ހުވަފެނުގައި ވެސް ރައީސް ކަމުގެ ގޮނޑި ނުފެންނާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރަޝީދު ވަނީ އިދިކޮޅު ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް ރައީސް ޔާމީން މަޤާމުން ދުރުނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން ބާރު ސްޕީޑުގައި ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަނީ އޭގެ ސަބަބުން. އިދިކޮޅު ފަރާތްތަކުން އެބަ ގަބޫލުކުރައްވާ ތިމަންނާމެންނަށް ހުވަފެނުގައި ވެސް ރައީސް ކަމުގެ ގޮނޑި ނުފެންނާނެ ކަމަށް.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ތަރައްޤީ އަށް ކުރެއްވީ ކީއްތޯ ސުވާލު ކުރައްވާއިރު އެބޭފުޅުންނަށް ވެސް ތަރައްޤީ ކުރެވޭ ކަން އެނގިވަޑައިގަންނަވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.