Last Updated: June 20, 11:49
Saturday, June 20, 2026
ކުޅިވަރު

ޗެލްސީ ބަލިވެ، ސިޓީ މޮޅުވެއްޖެ

ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ބާންލީ ބައްދަލުކުރި މެޗުން 3-2 އިން ޗެލްސީ ބަލިވެފައިވާއިރު ބްރައިޓަން ރޯވާސް އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

ޗެލްސީ އާއި ބާންލީ ބައްދަލުކުރި މެޗު ފެށިގެން މާ ގިނައިރުތަކެއް ނުވެ ޗެލްސީގެ ކެޕްޓަން ގެރީ ކެހިލްއަށް ރެފްރީވަނީ އޭނާ ކުރި ފައުލަކާއި ގުޅިގެން ރަތް ކާޑު ދައްކާފައެވެ. ނަތީޖާއެއްގެ ގޮތުން 10 ކުޅުންތެރިންނާއެކު ކުޅުނު ޗެލްސީ ކޮޅަށް ބާންލީ ވަނީ ކައިރި ކައިރީގައި ތިން ލަނޑު ވައްދާލާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ކޮންޓޭ ވަނީ މިސީޒަނުގައި ޗެލްސީއާ އަލަށް ގުޅުނު ފޯވާޑް މޮރާޓާ ކުޅެން ނެރެފައެވެ. މޮރާޓާއަށް ލަނޑު ޖަހައި ޗެލްސީ އަލުން މެޗު ތެރެއަށް ވައްދަން ބޭނުންނީ މަދު ވަގުތުކޮޅެކެވެ. 69 ވަނަ މިނެޓުގައި މޮރާޓާ ގޯލު ޖަހާފައިވަނިކޮށް 81 ވަނަ މިނެޓުގައި ޗެލްސީގެ މިޑްފީލްޑަރ ފެބްރިގާސްއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ.

ނަމަވެސް 88 ވަނަ މިނެޓުގައި ލުއިޒް ވަނީ ޗެލްސީއަށް އަނެއްކާވެސް ގޯލެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ބުރަ މަސައްކަތެއް ޗެލްސީން ކުރި ނަމަވެސް ބާންލީ ވަނީ ޗެލްސީގެ 9 ކުޅުންތެރިން ހިފަހައްޓާފައެވެ.

ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު އަލަށް ޕްރޮމޯޓްވި ހަޑަސްފީލްޑް ޓައުން ވަނީ ކްރިސްޓަލް ޕެލެސް 0-3 އިން ބަލިކޮށް ފުރަތަމަ މެޗު ވީކުގައި ތާވަލުގެ އެއްވަނައަށް އަރާފައެވެ. އެވަޓަންއާއި ސްޓޯކް ބައްދަލުކުރި މެޗު 0-1 އިން އެވަޓަން ކާމިޔާބުކޮށްފައިވާއިރު ރޭ ރޫނީ އެވަޓަންއަށް ޖަހައިދިން ގޯލާއެކު އޭނާ ވަނީ ޕްރިމިއާ ލީގުގައި 300 ގޯލާއި އެސިސްޓު ހަމަކޮށްފައެވެ.

ސަދަމްޕްޓަންއާއި ސްވެންސީ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި ނިމިގެން ގޮސްފައިވާއިރު ވެސްޓް ބްރޮމް ވަނީ ބޯންމައުތް 0-1 އިން ބަލިކޮށްފައެވެ. ބްރައިޓަން ރޯވާސް އަދި މެން ސިޓީ ބައްދަލުކުރި މެޗު ސިޓީ ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައި އަގުއޭރޯ ޖެހި ގޯލަކާއި ރޯވާސްގެ ޑަންކް އަތުން ބައިކޮޅަށް ވަން ގޯލަކާއެކު 0-2 އިންނެވެ.