Last Updated: June 9, 17:53
Tuesday, June 9, 2026
ޚަބަރު

"މާލެ/ހުޅުލޭ ބްރިޖް އަޅަނީ އައްޑޫ ރައްޔިތުންނަށްޓަކައި"

ހުޅުލެ އާއި މާލެ ދެމެދު ބްރިޖެއް އަޅަނީ އައްޑޫގެ ރައްޔިތުންގެ ވެސް މަންފާއަށްޓަކައި ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު ހިތަދޫގައި "ތަރައްޤީ އާއި އެކު ރައްޔިތުން" ނަމުގައި ޕީޕީއެމް އިން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ ބްރިޖް އެޅުމުން "ވިއްސާރައިގައި ފަތާފައި ދޯނިގަނޑެއްގައި ދެން ދާކަށް ނުޖެހޭނެ" ކަމަށެވެ.

"ހަމަ މާލެ އާއި ހުޅުލޭ ދޭތެރޭ އަޅާ ބްރިޖެއް އަޅަނީ އައްޑޫގެ ވެސް ރައްޔިތުންނަށް ޓަކައި، ވިއްސާރައިގައި އަޅުގަނޑުމެން ނުޖެހޭނެ ފަތާފައި "ދޯނިގަނޑެއްގައި" ދާކަށް. އަޅުގަނޑުމެން ވެސް ކާރުގައި "ވޫސް" ލާފައި ދާނީ. މީ ތަރައްގީ އަކީ. ގައުމު ތަރައްގީ ކުރަނީ މިހެން"

އައިބީ ވިދާޅުވީ، މީގެ ކުރިން އައްޑޫ އިން ފުރައިގެންދާ ޑޮމެސްޓިކް ފަލައިޓްތައް (ވެލާނާ) އެއާޕޯޓަށް ތިރިކޮށް ނުލެވިގެން މަތީގައި އެނބުރި އެނބުރި 1 ގަޑިއިރު ތިބެން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް މިއަދު އެކަން ހައްލުކޮށްދެއްވުމަށް 1 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ރައީސް ޔާމީން އެއާޕޯޓް ތަރައްޤީ ކުރައްވަމުން ގެންދަވާ ކަމަށް އައިބީ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި އައިބީ ވިދާޅުވީ، ގައުމު ތަރައްގީ ކުރަމުން ދާއިރު ބަޔަކު މީހުން މަގުތަކަށް ނިކުމެ ސަރުކާރާއި ދެކޮޅަށް ވާހަކަ ދެއްކުމަކީ ޤަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީނ ރާއްޖޭގެ ތަރައްޤީއަށް ކުރައްވާ މަސައްކަތާއި އެއްވަރަށް ރާއްޖޭގެ ތާރީޚުގައި އެއްވެސް ވެރިޔަކަށް މަސައްކަތް ކުރެވިފައި ނުވާކަން އައިބީ ފާހަގަކުރެއްވިއެވެ.