Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

އިދިކޮޅު މެމްބަރުންވެސް ގަބޫލު ކުރޭ ތަރައްގީ ވާކަން: ރަޝީދު

މިއަދު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އިއްތިހާދު ތަމްސީލު ކުރައްވާ މެމްބަރުން ވެސް މި ސަރުކާރުން ތަރައްގީ ގެނެސްދެއްވާކަން ގަބޫލު ކުރައްވައި އެއްބަސްވާ ކަމަށް ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ އައްޑޫ ސިޓީގައި ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންނާއި އައްޑޫ ރައްޔިތުންނާ ބައްދަލުކޮށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވެފައިވަނީ އިދިކޮޅު މެމްބަރުންވެސް ކޮފީ މޭޒުތަކާއި ރައްޔިތުންގެ މަޖިލީހުގައި ބައްދަލުވެ ދައްކާ ވާހަކައިގެ ތެރޭގައި ތަރައްގީ ވާކަމަށާއި ސިޔާސީ ބޭނުމަށްޓަކައި އޮޅުވާލައިގެން ވާހަކަ ދައްކަން ޖެހެނީ ކަމަށް ވިދާޅުވާ ކަމަށެވެ.

ރަޝީދު ވިދާޅުވެފައިވަނީ އިދިކޮޅު މެމްބަރުން މަޖިލިހުގައާއި ޕޯޑިއަމްތަކުގައި ވާހަކަ ދައްކަމުން ސަރުކާރަށް ގޮން ޖައްސަވަނީ ސިޔާސީ ބޭނުމަށްޓަކައި ކަމަށް ވިދާޅުވެފައި އެބަހުރި ކަމަށެވެ.

މީގެ އިތުރުން ރަޝީދު ވަނީ އޭނާއާ "އިދިކޮޅު ޗެނެލެއްގެ" ނޫސްވެރިޔަކުވެސް ޗެނަލުން ގެންނަ ރިޕޯޓުތަކަކީ ހަގީގަތެއް ނޫންކަމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

"ވަރަށް ފަހުން އަޅުގަނޑުމެންނާ އިދިކޮޅު ޓީވީ ޗެނެލެއްގެ ނިއުސް ރިޕޯޓަރަކާ އަޅުގަނޑާ ދިމާވެގެން އަހާލިން ތިބޭފުޅުން ތިގެންނަވާ ރިޕޯޓުތަކަކީ ހަގީގަތާއި ވާހަކައެއް ނޫނޭ. ދެންނެވީމާ ވިދާޅުވި ރަޝީދުއޭ ކީއްހޭ ކުރާނީ މި ޗެނެލަކީ ސިޔާސީ ޗެނެލެކޭ ތިމަންނާމެންނަށް މަޖުބޫރު އެބަވެޔޭ އެބޭފުޅުންގެ ޚިޔާލާއި އެއްގޮތަށް ގެންނަން އެއީ ހަގީގަތަކަށް ނުވިޔަސް.." ރަޝީދު ވިދާޅުވެފައިވެއެވެ.

ނަމަވެސް އެއީ ކޮން ޗެނެލެއްގެ ނޫސްވެރިޔެއް ކަމެއް ރަޝީދު ވިދާޅުވެފައެއް ނުވެއެވެ. އިއްޔެ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ރަޝީދުގެ އިތުރުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާން އަދި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވާހަކަ ދައްކަވާފައިވެއެވެ.