ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ހެމް ކުޅުނު މެޗު ފަސޭހަކަމާއެކު 0-4 އިން ޔުނައިޓެޑު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.
މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑުގެ ހަތަރު ގޯލުގެ ތެރެއިން 2 ގޯލު ޖަހާފައިވަނީ މި ސީޒަނުގައި ކުލަބާ އަލަށް ގުޅުނު ފޯވާޑް ރޮމެލޫ ލުކާކޫއެވެ. މެޗުގެ ފުރަތަމަ ގޯލު ލުކާކޫ ޖަހާފައިވަނީ 33 ވަނަ މިނެޓުގައެވެ.
މެޗުގެ ފުރަތަމަ ހާފު 0-1 އިން ޔުނައިޓެޑު ކުރީގައި އޮވެ ނިމިފައިވާއިރު މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ގޯލު ޖަހަން މަސައްކަތް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ޔުނައިޓެޑުގެ ދެވަނަ ގޯލު 52 ވަނަ މިނެޓުގައި ޖަހާފައިވަނީ އަނެއްކާވެސް ލުކާކޫއެވެ.
ޔުނައިޓެޑުން މެޗު ކޮންޓްރޯލްކޮށް ކުޅެމުންދިޔައިރު ވެސްޓް ހޭމްއިން ވަނީ ކޮޅަށް އިތުރު ގޯލެއް ވަނަނުދީ ޔުނައިޓެޑު ކޮޅަށް ގޯލެއް ޖަހައި ފަރަގު ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެޓީމަށް ޔުނައިޓެޑު ކީޕަރު ޑެހެއާ ބަލިކުރެވޭނެ ގޮތެއް ނުވިއެވެ.
މިރޭގެ މެޗުގައި ޔުނައިޓެޑުގެ ތިންވަނަ ގޯލު ޖަހާފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗުގައި ކުޅެން ނިކުތް އެންތޮނީ މާޝިއަލްއެވެ. މާޝިއަލްގެ 87 ވަނަ މިނެޓުގައި ޖަހާދިން ގޯލާއެކު ވެސްޓް ހެމްގެ ބަލިފައި މައްޗަށް ފޮއެ ވަނީ ވެއްޓިފައެވެ. ނަމަވެސް ޔުނައިޓެޑުން ވަނީ އަނެއްކާވެސް އިތުރު ގޯލެއް ޖެހުމަށް މަސައްކަތް ފަށާފައެވެ.
ތިން މިނެޓު ފަހުން މެޗުގެ ފަހު މިނެޓުގައި ޕޮގްބާ ވަނީ ވެސްޓް ހެމް ކީޕަރު ޖޯ ހާޓް ފޫއަޅުވާލާފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މިނަތީޖާއާއެކު ޔުނައިޓެޑު ވަނީ މިހާރު ތާވަލުގެ އެއްވަނައަށް ތިން ޕޮއިންޓާއި ހަތަރު ގޯލުގެ ތަފާތުން ކުރި ހޯދާފައެވެ.