އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް އިންތިޒާމް ކޮށްގެން ބާއްވާ މެރަތަން، "އައްޑޫ މެރަތަން" ގެ މެއިން ސްޕޮންސަރަކަށް ފީލް މޯލްޑިވްސް ހަމަޖެހިއްޖެއެވެ.
މެރަތަން އިންތިޒާމުކުރާ "އައިރަނާސް" އިން އައްޑޫލައިވްއަށް މައުލޫމަތު ދެމުން ވިދާޅުވެފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މެރަތަންގެ ކޯ ސްޕޮންސަރުންނަކީ އެމްޕީއެލް އަދި އެމްޓީސީސީ އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކުރިއަށް މި މެރަތަންގައި ބައިވެރިން މެރަތަން، ހާފް މެރަތަން، 10 ކިލޯމީޓަރ އަދި 5 ކިލޯ މީޓަރގެ އިތުރުން ކުޑަކުދިންނަށް ހާއްސަ 2 ކިލޯ މީޓަރުގައި ދުވާނެއެވެ.
މެރަތަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އައިރަނާސް އިން ވަނީ މިމަހުގެ 15 ވާ އަންގާރަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ. މެރަތަންގެ އެކްސްޕޯ ޕާޓްނަރަކީ "ޕާން ޕިނޯސް" އެވެ. އަދި ސްޕޯޓްސް ޕާޓްނަރަކަށް ފަލަކް ސްޕޯޓްސް ހަމަޖެހިފައިވާއިރު މެރަތަންގެ އޮފިޝަލް މީޑިޔާ ޕާޓްރަނަރަކީ "އައްޑޫލައިވް" އެވެ.