Last Updated: July 3, 05:36
Friday, July 3, 2026
ޚަބަރު

ގަމަށް އިންޓަނެޝަނަލް އޮޕަރޭޝަންތައް ފަށައި ގަންނަނީ!

މޯލްޑިވިއަންގެ އެއާބަސް އޭ 320 ބޯޓު އައްޑުއަށް ކުރި ފުރަތަމަ ދަތުރުގައި ޓޫރިސްޓުން ފައިބަނީ. ފޮޓޯ/ ޝަރަފް

ސ. ގަން އިންޓަނެޝަނަލް އެއާޕޯޓަށް ވަރަށް އަވަހަށް ބައިނަލްއަގުވާމީ ދަތުރުތައް އަލުން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރުކަމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ދެކުނު ކޮރެ އާ ދެމެދު ވައިގެ ދަތުރުތައް ގާއިމް ކުރުމަށްޓަކައި ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމަށް ފަހު ނާޒިމް ވިދާޅުވީ ގަމާއި ކޮލަމްބޯ އާ ދެމެދު ދަތުރުތައް ފެށުމަށް ސްރީ ލަންކަން އެއާލައިންސް އާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އިދާރީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ.

ނާޒިމް ވިދާޅުވީ ސްރީ ލަންކަންގެ އިތުރުން ވިލާގެ ފްލައި މީ އާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށާއި މޯލްޑިވިއަން އަށް ވެސް އަދި އެހެން އެއާލައިންތަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

ދާދި ފަހުން ގަމުގެ ވައިގެ ބަނދަރުގެ ވީއަޕީ ލައުންޖް ހުލުވުމަސް ބޭއްވި ބައްދަލުވުމުގައި ވެސް ނާޒިމް ވަނީ ގަމާއި ލަންކާ އާއި ދެމެދު ދަތުރު ފެށުމަށް ތައްޔާރުވަމުން އަންނަ ވާހަކަ ވިދާޅުވެފަ އެވެ.

އަދި ސްރީލަންކަން އިންވެސް ވަނީ މިމަހު ތެރޭ ގަމާއި ލަންކާ އާއި ދެމެދު ވައިގެ ދަތުރުތައް ފެށޭނެ ކަމަށް ބުނެފައެވެެ. ނަމަވެސް ދަތުރު ފަށާނެ ތާރީހެއް އަދި ނުބުނެ އެވެ.

ގަމުން ލަންކާ އަށް ދިއުމަކީ އައްޑޫ ރައްޔިތުންގެ ބޮޑު ހުވަފެނެކެވެ. ނަމަވެސް ދަތުރުތައް މިގޮތަށް ފެށޭ އިރު އައްޑޫގައި ޕާސްޕޯޓްގެ ހިދްމަތް ލިބޭނެ އިންތިޒާމް ހަމަ ނުޖެހި މި ހިދްމަތް ފެށުމުން އެކަމުގެ އެންމެ ފުރިހަމަ ފައިދާ އައްޑޫ ރައްޔިތުންނަށް ނުލިބޭނެ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.