1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގައި ތަމަޅަ ޓައިގަރުންގެ އަތުން ދިވެހި ޤައުމު ސަލާމަތް ކުރުމުގައި އިސްދައުރެއް އަދާކުރެއްވި، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާގެ މައްސަލަ ކުރިއަށް ގެންދިއުމާއި މެދު ބުރާސްފަތި ދުވަހު ގޮތެއް ނިންމާނެ ކަމަށް ޝަރީޢަތުން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާ، އިބްރާހިމްދީދީ ވަނީ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް އިންކާރު ކުރައްވާފައެވެ.
ޝަރީއަތުގެ މަޖިލީހުގައި އިބްރާހިމްދީދީގެ ވަކީލު ވިދާޅުވީ ދައުލަތުން ކުރާ ޓެރެރިޒަމްގެ ދައުވާގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސީއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެވި ކަމަށް ބުނާއިރު އެފަދަ އަމުރެއް ކުރެއްވިކަން އެނގޭފަ ލިޔުމެއް ނުވަތަ އެފަދަ އެންގުމެއް ފެންނަން ނެތް ކަމަށެވެ.
މީގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް އިބްރާހިމްދީދީ އަށް އަމުރު ކުރި ކަން ނުވަތަ އެންގެވިކަން އެނގޭފަދަ އަމުރެއް ނުވަތަ ލިޔުމެއް ނެތްކަމަށް ދީދީގެ ވަކީލް ވިދާޅުވިއެވެ.
ޝަރީއަތުގެ މަޖިލީހުގައި ދީދީ ދައުވާ އަށް އިންކާރު ކުރައްވާފައި ވާއިރު މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތަށް ދައުވާއާ ގުޅޭ ގޮތުން ވާހަކަ ދައްކުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.
އަދި އޭގެ ފަހުން ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން މައްސަލަ ކުރިއަށް ގެންދަން ފެނޭތޯ ބަލާ ގޮތެއް ނިންމަވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް މީގެ ކުރިން ވެސް ދައުވާ އުފުލިއެވެ. އެހެން ނަމަވެސް ވަކި ހިސާބުން އެ ދައުވާތައް ވަނީ އަނބުރާ ގެންގޮސްފައެވެ.
ދެވަނަ ފަހަރަށް އިބްރާހިމްދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.