Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ކައުންސިލް އިންތިހާބުގައި ވޯޓް ދެނީ އެއް އާއިލާއިން އަނެއް އާއިލާއަށް

އަލީ ހަނީޒު (ބޮއްކާ)ގެ ކެމްޕެއިން ބައްދަލުވުމުގައި އައިބީ ވާހަކަ ދައްކަވަނީ. ފޮޓޯ: އަހްމަދް ޒިޔާދް

ލޯކަލް ކައުންސިލް އިންތިހާބަކީ އެއް އާއިލާއިން އަނެއް އާއިލާއަށް ވޯޓު ދޭ އިންތިޚާބެއް ކަމުގައި ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ(އައިބީ) ވިދާޅުވެއްޖެ އެވެ.

އައިބީ މިހެން ވިދާޅުވީ އިއްޔެ ހިތަދޫގައި ބޭއްވި ޕީޕީއެމްގެ އިވެންޓެއްގައި، ކައުންސިލް އިންތިޙާބުގައި ޕީޕީއެމް އަށް އައްޑޫ އިން ނާކާމިޔާބު ވެފައިވާތީ އެކަމާއި ގުޅިގެން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

ކައުންސިލް އިންތިހާބަކީ "އާއިލީ ވޯޓު" ދޭ އިންތިހާބެއް ކަން ފާހަގަ ކުރައްވައި އިބްރާހިމްދީދީ ވަނީ ކައުންސިލް އިންތިހާބުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމްދީދީގެ ކޮއްކޯފުޅު ވާދަކުރުމަށް ވެސް ގޮވާލައްވާފައެވެ.

" ލޯކަލް ކައުންސިލް އިންތިހާބޭ އެބަކިޔާ. ކޮން ލޯކަލް ކައުންސިލް އިންތިހާބެއްތޯ؟ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކޮށްލާ މި އިބްރާހިމްދީދީގެ ކޮއްކޮ..ޖުމްހޫރީ ޕާޓީން ވާދަކޮށްލާ އަނެއް މީހެއްގެ ކޮއްކޮ."

އައިބީ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބަކީ ރައީސް ޔާމީނަށް ވޯޓު ދެއްވާ އިންތިހާބެއް ނޫން ކަމަށެވެ. އަދި 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ކޮންމެ ގެއަކުން މީހަކު ނިކުމެގެން ނޫން ކަމަށް އައިބީ ވިދާޅުވިއެވެ.

"ކައުންސިލް އިންތިހާބަކީ އާއިލާއިން އަނެއް އާއިލާއަށް ވޯޓުދޭ އިންތިހާބެއް. ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބު އޮންނާނީ 2018 ގައި ވާދަކުރާނީ ކޮންމެ ގެއަކުން މީހަކު ނިކުމެގެންނެއް ނޫން"

ކައުންސިލް އިންތިހާބުގައި ވޯޓު ދެނީ އެއް އާއިލާއިން އަނެއް އާއިލާ އަށް ކަމަށް އައިބީ ވިދާޅުވެފައިވާއިރު، ކެމްޕެއިން ތެރޭގައި އެ އިންތިހާބަކީ، ކޮންމެހެން ފާސްވާން ޖެހޭ 'ޓެސްޓް ޕޭޕަރެއް' ގެ ގޮތުގައި ވެސް އައިބީ ވަނީ ސިފަކުރައްވާފައެވެ.

އަދި (ޓެސްޓް ޕޭޕަރުން ފާސްނުވެ ރައްޔިތުން ބުނާ ކަމެއް ނުކުރެވުމުން އެކަމުގެ ޝަކުވާ ކޮށްގެން ނުވާނެ ކަމަށް އައިބީ ވަނީ އޭރު ވިދާޅުވެފައެވެ.