ފޭދޫގައި ލައިސަންސް ނެތި ސައިކަލް ދުއްވި އަންހެނަކު ގަދަކަމުން ބިޑި އަޅުވައި ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާ ފުލުހުން ބިޑިއަޅުވަން އުޅުނީ އޭނާ ސައިކަލުން ދަނިކޮށް މަޑުކުރުވައި ޗެކް ކުރިއިރު ލައިސަންސް އަތުގައި ނެތުމުންނެވެ. އެހެންވެ އޭނާ ބިޑިއަޅުވައިގެން ގެންދަން އުޅުމުން އޭނާ ފުލުހުންނާއި އެކު ދާނެ ކަމަށް ބުންޏެވެ. ނަމަވެސް ފުލުހުން ބޭނުންވީ އެ އަންހެންމީހާ ބިޑިއަޅުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށެވެ. އަންހެން މީހާ ގަދަ ދައްކާފައި ވަނީ އެހިސާބުންނެވެ.
އާއްމު ގޮތެއްގައި ފުލުހުން އަމަލުކުރާ އުސޫލަށް ބަލާއިރު، ލަައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވާ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށުން ޕޮލިސް ސްޓޭޝަނަށް ގެންދެއެވެ. އެހެން ނަމަވެސް އެގޮތަށް ގެންދާ ފަރާތްތައް، ޚާއްސަ ގޮތެއްގައި އަންހެނަކު ބިޑ އެޅުވުމަކީ، ފުލުހުން ކުރާ ކަމެއް ނޫން ކަން ފާހަގަކޮށްލެވެއެވެ.
އަންހެންމީހާ ބިޑި އެޅުވުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ޖިނާއީ އިޖުރާތުގެ ޤާނޫނާއި، އަދި ބިޑި އެޅުމާއި ބިޑި ގެންގުޅުމުގެ ޤަވާއިދާއި ޚިލާފަށް ކަން ފާހަގަކޮށްލެވެއެެވެ. އެގޮތުން ޖިނާޢީ އިޖުރާތުގެ 42 ވަނަމާއްދާގައި ހައްޔަރު ކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާއިރު އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ، ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުނުހަދާ ކަމަށްވާނަމަ، ބާރުގެ ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ. އަދި 42 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ، ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅު ނުހަދާ ނަމަ، އޭނާ ގައިގައި ބިޑި އަޅުވައިގެން ނުވާނެ ކަމަށެވެ.
Protection ☝? pic.twitter.com/fx9XwznJlF
— Thollam Gonzalles (@thollam) August 13, 2017
މިއަދު ހަވީރު ފޭދޫ ލިންކު ރޯޑުގައި އަންހެންމީހާ ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރި މަންޒަރު ވީޑިއޯކޮށް ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިޔާގައި އެ ވީޑިއޯ ހިއްސާކޮށްފައެވެ. އެތަނުން ވާހަކަ ދެއްކި މީހަކު ބުނީ އަންހެން މީހާ ހައްޔަރު ކުރަން އުޅުމުގައި ފުލުހުން ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި، އަންހެން މީހާ ހައްޔަރުކުރުމުގައި ހަރަކާތްތެރިވަނީ 2 ފިރިހެން ފުލުހުންނާއި އަންހެން ފުލުހެކެވެ.
ބިޑިއަޅުވަން މަސައްކަތްކޮށް އެކަން ކާމިޔާބް ނުވުމުން ފަހުން ފުލުހުންވަނީ އެއަންހެން މީހާ ފުލުހުންގެ ވެހިކަލުގައި ގަން ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ.
ފުލުހުންގެ އައްޑޫ ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ނުކިޔަމަންތެރިކަން ދެއްކި މީހެއްގެ މައްސަލަ ގަން ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާއި ގުޅޭ ތަފްސީލެއް ލިބިފައި ނުވާކަމަށް ޖަމްޝީދު ވިދާޅުވިއެވެ.
ޖަމްޝީދު ވިދާޅުވީ ފުލުހުން އަބަދުވެސް އައްޑޫގައި ޓްރެފިކް އޮޕަރެޝަން ހިންގަމުން އަންނަ ކަމަށާއި މިއަދުވެސް ފުލުހުން އެފަދަ އޮޕަރޭޝަނެއް ހިންގިކަމަށެވެ.
ބިޑި އެޅުމާއި ބިޑި ގެންގުޅުމުގެ ޤަވާއިދުގެ 2 ވަނަ މާއްދާ (ބިޑި އެޅުވިދާނެ ޙާލަތް):
(ހ(ނުކިޔަމަންތެރިވުން
(ށ) ހަރުކަށިކަމާއި ގަދަފަދަކަން ދެއްކުން
(ނ) އަނިޔާވެރިކަން ފައުޅުކުރުން
(ރ) އަމިއްލަ ނަފުސަށް ގެއްލުމެއް ދިނުން
(ބ) އެހެން މީހެއްގެ ނަފްސަށް ގެއްލުމެއް ދިނުން
(ޅ) ފަރުދެއްގެ ނުވަތަ ސަރުކާރުގެ މުދަލަކަށް ގެއްލުން ދިނުން
(ކ) މަތީގައި ބަޔާންކޮށްފައިވާ ކަމެއް ކުރަން އުޅުން ނުވަތަ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތަަކެއް ހުރުން