Last Updated: June 20, 10:55
Saturday, June 20, 2026
ޚަބަރު

ސީޒަނުގެ ފުރަތަމަ ކްލެސިކޯ ރެއާލް ކާމިޔާބުކޮށްފި

ސްޕެނިޝް ލަލީގާ ފެށުމުގެ ގޮތުން ކުޅެވުނު ސުޕަ ކޮޕާ މެޗުގައި ލީގު ޗެމްޕިއަން ރެއަލް އަދި ކޮޕަ ޑެލްރޭ ޗެމްޕިއަން ބާސާ ކުޅުނު މެޗު 1-3 އިން ރެއާލް ކާމިޔާބުކޮށްފިއެވެ. މިމޮޅާއެކު ރެއަލްވަނީ ސުޕަކޮޕާގެ ފުރަތަމަ ލެގު ކާމިޔާބުކޮށް ތަށި ނެގުމުގެ ފުރުސަތު ބޮޑުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވެ ބާސާގެ ޑިފެންޑަރު ޕީކޭ އަތުން ބައިކޮޅަށް ވަން ގޯލަކާއެކު ރެއާލްއަށް ވަނީ ލީޑު ލިބިފައެވެ.

ނަމަވެސް 77 ވަނަ މިނެޓުގައި ބާސާއަށް ލިބުނު ޕެނަލްޓީއެއް މެސީ ވަނީ ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުން މޮޅުވުމަށް ޒިދާން ވަނީ ރޭގެ މެޗުގައި ބެންޗުގައި ބެހެއްޓި ރޮނާލްޑޯ މެސީގެ ގޯލަށް ފަހަށް އަރުވާފައެވެ.

ރޮނާލްޑޯ ވަނީ އޭނާ ކުޅެން ނިކުތްތާ މާގިނަ އިރުތަކެއް ނުވެ ލަނޑު ޖަހައި ރެއަލްއަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ. ގޯލަށްފަހު އޭނާ ޖާޒީ ބާލުމުން ރެފްރީ ވަނީ ރީނދޫ ކާޑު ދައްކާފައެވެ. 82 ވަނަ މިނެޓުގައި ރޮނާލްޑޯ ވެއްޓިގަތުމުން ރެފްރީވަނީ ޑައިވެއް ކަމަށް ނިންމައި އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ.

ނަމަވެސް ބާސާއަށް ރެއަލް ކޮޅަށް އިތުރު ގޯލެއް ޖެހިފައެއް ނުވެއެވެ. 90 ވަނަ މިނެޓުގައި ރެއާލްގެ ޒުވާން ކުޅުންތެރިޔާ މާކޯ އެސެންސިއޯ ވަނީ 3 ވަނަ ގޯލާއެކު މެޗު ކާމިޔާބުކޮށްފައެވެ.