ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކުގެ އަރިހަށް، އިންޑިޔާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޏިއިނޭޝްވަރް މުލޭ މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި އިންޑިއާ އާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށާއި، އެކި ގޮތްގޮތުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި މުލޭއަށް ޝުކުރު އަދާކުރެއްވި އެވެ.
އަދި ރާއްޖެ އާއި އިންޑިޔާ އާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ކުރިއަށް އޮތް ތާނގައި އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މުލޭގެ ވާހަކަފުޅުގައި، އިންޑިޔާ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގައި ހޭދަ ކުރެއްވި ދުވަސްތަކަކީ ވަރަށް އުފާވެރި އަދި ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެއްވުނު ދުވަސްތަކެއް ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވެސް މުލޭ ވިދާޅުވި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން އެ މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައި މިހާތަނަށް ހުންނެވި ޝްރީ ރަޖީވް ޝަހާރޭ އިންޑިއާ އިން ރާއްޖޭގައި ހުންނަވާ ސަފީރުކަމުގެ މަގާމާ ވަރަށް އަވަހަށް އަވަހަށް ހަވާލުވެވަޑައިގަންނަވާނެ އެވެ.