Last Updated: April 25, 08:38
Thursday, April 25, 2024
މުނިފޫހިފިލުވުން

"ހައްދު" އާ ޓްރެއިލާ އިން ޖަޒުބާތީކޮށްލާނެ

އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އައްޑޫގައި ޕްރިމިއާ ކުރަން ނިންމާފައިވާ ފިލްމް "ހައްދު" ގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މި ޓްރެއިލާއަކީ ފިލްމުގައި ހިމެނޭ ބައެެއް މުހިއްމު މަންޒަރުތަކުގެ ތެރެއަށް ބެލުންތެރިން ގެނެސްދޭ ކަހަލަ ޖަޒްބާތީ ޓްރެއިލާއެކެވެ. ކުރިން ދައްކާލި ޓްރެއިލާ އިން ފިލްމުގެ ލީޑް ތަރިން މުޅިންހެން ފެނުނަސް އާ ޓްރެއިލާގައި ފިލްމުގެ ސަޕޯޓިން ކާސްޓުންގެ ބޮޑު ބައެއް ވެސް ދައްކާލި އެވެ.

އޭގެ ތެރޭގައި އާރިފާ އިބްރާހީމް، މުހައްމަދު ރަޝީދު (ދަރާ)، ފައުޒިއްޔާ ހަސަން، މަރިޔަމް ޝަކީލާ އަދި މަރިޔަމް ހަލީމް ފަދަ ތަޖުރިބާކާރު އެކްޓަރުން ހިމެެނެ އެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް އަބްދުލް ފައްތާހް ޑައިރެކްޓްކޮށްފައިވާ "ހައްދު" ގެ ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ އަހުމަދު ޝިބާންއާ އެކު މަރިޔަމް އައްޒަ އަދި އައިމިނަތު ރިޝްފާ އެވެ. މީގެ އިތުރުން އަލީ އާޒިމް (ދޮންއައްޔަ) ވެސް ފިލްމުގެ މުހިއްމު ރޯލަކުން ފެންނާނެ އެވެ.

"ހައްދު" އަންނަ މަހުގެ ހައެއްގައި މާލޭގައި ޕްރިމިއާ ކުރުމަށް ފަހު، ހަތް ވަނަ ދުވަހުގެ ރޭ ހިތަދު އާއި މަރަދޫގައި ވަރަށް ކުލަގަދަކޮށް ޕްރިމިއާ ކުރަން ވަނީ ހަމަޖެހިފަ އެވެ.

އަދި ފިލްމުގެ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ގުޅަން ޖެހޭ ހޮޓްލައިނަކީ 769057 އަދި 9976003 އެވެ.