Last Updated: May 8, 22:22
Wednesday, May 8, 2024
ރިޕޯޓް

އިބްރާހިމްދީދީ އެވެ. ހޮޅި ވާހަކަ ނުދައްކަވާށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ގޮނޑީގައި މިހާރު އެއިންނަވާ އިބްރާހިމްދީދީއަކީ އަހުރެންގެ ޒަމާންވީ ރަހުމަތްތެެރިޔެކެވެ. އެކަމަކު އޭނާ ދައްކަވައި އުޅުއްވާ ސިޔާސީ ވާހަކަތައް އެއްގޮތަކަށްވެސް އަޑުއަހައި ނޫޅެމެވެ. އޭގެ ސަބަބު ކޮންމެހެން ބަޔާންކުރާކަށް ނެތީމެވެ. މިހެން އުޅެމުން އައިސް މިހަފުތާގައި މީނާ ދެއްކެވި ދެ ވާހަކައެއް އަހުރެންގެ ސަމާލުކަމަށް ކޮންމެވެސް ބަޔަކު ގެނެސްފިއެވެ. ދެން މިވާހަކަތަކުގެ އަސްލަކީ ކޮބައިތޯބަލައި ވިސްނައިލިއިރު އިންނާން ޖެހުނީ އާސޯޚުވެ ތަލީން ކުޅުހިކިފައެވެ.

މިތަނުން އެއްވާހަކަޔަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވާހަކައެވެ. އެއީ އެއް އާއިލާޔަކުން އަނެއް އާއިލާޔަކަށް ވޯޓުދޭ އިންތިޚާބެކޯލައެވެ. ކޮންމެ ގެޔަކުން ކެންޑިޑޭޓަކު ނެރެގެން ވާދަކުރާ އިންތިޚާބެކޯލައެވެ. އެހެންވީމާ އެ އިންތިޚާބުގެ ނަތީޖާޔަކީ ރައީސް ޔާމީނުގެ ސަރުކާރަށް ރައްޔިތުން ދިން ރިޕޯޓު ފޯމަކަށް ނުވާނެޔޯލައެވެ. ދެން އެންމެ ރަނގަޅެވެ. އެހެންވިއްޔާ އެ އިންތިޚާބުގައި އަސުރުމާ ކެންޑިޑޭޓުން ހޮވަން އެވަރަކުން އިބްރާހިމްދީދީ އުޅުއްވީ ކީއްވެގެންބާވައެވެ. މިއީ އިމްތުހާނު ކަރުދާހެކޭ ކޮންމެ ގޮތެއް ހަދައިފައިވެސް މިކަރުދާހުން ފާސްވާން ޖެހޭނެޔޭ ވިދާޅުވެ ދެފައި އެއްތާކު ނުޖައްސަވައި ހިންގެވީ ކީއްވެގެންބާވައެވެ. އިމްތިހާނު ކަރުދާހެކޭ ވިދާޅުވީ އޮޅުމަކުން ކަމަށް ބަލައިފައި ދެން އެވާހަކަ ބޭއްވީއެވެ.

ކޮންމެ ގެޔަކުން ކެންޑިޑޭޓަކު ނެރުނީއޭ ވިދާޅުވިއިރު އައްޑޫގައި ފެންނާންތިބީ ހަތް ދާއިރާއަކަށް ކުރިމަތިލައިގެން ތިބި ކެންޑިޑޭޓުންނެވެ. ކޮންމެ ދާއިރާޔަކަށް އަސުރުމާ ކުއްޖަކާއި ރަންރީނދޫ ކުއްޖެކެވެ. ވޯޓުނަގައި މައިދާން ސައުފުވެ ނިމުނުއިރު ރަންރީނދޫ އޮޅީގެ ކުދީން ހަތް ގޮނޑިވެސް ކިހިލިޖަހައިގެން ގެންގޮސްފިއެވެ. އަސުރުމާ ކުއްޖަކަށް ވާދަކުރުމޭ މީހުން ކިޔައި އުޅޭ ފެންވަރަށް ވާދައެއްވެސް ނުކުރެވުނެވެ. ބައެއް ދާއިރާތަކުން ހިޔަ ވޯޓުވެސް ނުލިބުނެވެ. އޭގެ ތެރޭގައި އެދާއިރާޔަކަށް ތިޔަ އިބްރާހިމްދީދީއަށް ފެނިގެން އަސުރުމާ ޓިކެޓެއް ދީފައި ކުއްޖަކު ނެރުނު މީދޫ ދާއިރާ ހިމެނެއެވެ.

އެހެންވީމާ ދެން ބުނާން ޖެހެނީ މިކަމުގައިވެސް ރަންރީނދޫ ކުދިން ހާދަ މޮޅޭއެވެ. ކޮންމެ ގެޔަކުން ކެންޑިޑޭޓަކު ނެރެގެން އެއް އާއިލާޔަކުން އަނެއް އާއިލާއަށް ވޯޓުދޭ އިންތިޚާބެއްގައި އެންމެ ގޮނޑިއެއްވެސް އަސުރުމާ އޮޅިޔަށް ލިބުނަ ނުދީ ހުރިހާ ގޮނޑިއެއް އެހޯދީ މިކަން ކުރާނެ ގޮތާއި މިކަމަށް ނެރޭނެ މީހުންވެސް އެންމެ މޮޅަށް ދަންނަނީ ރަންރީނދޫ ކުދީންކަމަށް ވީމައެވެ. އެހެންވީމާ ރިޔާސީ އިންތިޚާބުގައި ނަތީޖާ ނެރޭނެ ގޮތްވެސް އެންމެ މޮޅަށް އެނގޭނީ އެކުދީންނަށެވެ. އިބްރާހިމްދީދީއެވެ. މިއީ ހަގީގަތެކެވެ. އަރާ މުރިނގަށް ސަމުގާގެ ކަށި ހުއްޓުވާން ތިވަރަށް އުޅޭއިރުވެސް އެކަށި ގަހާޔަށް ނޫންތާކަށް ނުހުއްޓެނީ އެހެންވެއެވެ.

ދެވަނަ ވާހަކައިގެ އައިބުކަމާއި އަޖައިބުކަންވެސް ކުޑައެއް ނޫނެވެ. ހުޅުލެއާއި މާލެޔާ ދެމެދު ފާލަމެއް އަޅަނީ އައްޑޫ މީހުންނަށް ފަސޭހަޔަކަށޯލައެވެ. ފާލަމެއް އެޅީމާ އޭގެ މަންފާއޮތީވެސް އައްޑޫ މީހުންނަށޯލައެވެ. ދޯނިގަނޑެއްގައި ގަނަ ތެެޅޭން ނުތިބެ ވޫސްލައިފައި އައްޑޫ މީހުން ކާރުގައި ދަތުރުުކުރަންވީޔޯލައެވެ. އިބްރާހިމްދީދީއަކަސް ތިޔަ ވިދާޅުވީ އެއްމާނައެއްގައި ހަމަ ތެދުވާހަކައެކެވެ. ފާލަމެއް އަޅައިފިއްޔާ މަމެންވެސް އެފާލަން މަތީން ވޫސްލައިފައި ދުއްވާނަމެވެ. ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެއީ ތުރާކުނު މީހުން އައްޑޫ ފޭދޫއާއި ގަމާއި ދޭތެރޭގައި އެވާ ފާލަމުންވެސް މަންފާ ލިބިގަންނަ ބީދައިންނެވެ. އެކަމަކު މިވާހަކައިގެ ތެރެޔަށް އައްޑޫ މީހުން ވައްދާން ޖެހުނު ސަބަބެއް އުޅެއުޅެވެސް ނުވިސްނުނެވެ.

އެ ސަބަބަކީ މަޖިލީހުގައި އައްޑޫ ދާއިރާއެއް ތަމްސީލުކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން އައްޑޫ ރައްޔިތުންނާއި ރާއްޖޭގެ އިންފްރާސްޓްރަކްޗަރ ގުޅުވައިލުން ކަމަށްވާނަމަ މައްސަލައެއް ނެތެވެ. އަހުރެން ހީކުރާހިތްވަނީ އެގޮތެވެ. ވަކި ހިސާބެއްގެ ރައްޔިތުން ފާހަގަކޮށްފައި އެބަޔަކު މޮޔަ ހައްދައި ވާވެއްދުމުގެ ވާހަކައެއްނަމަ ވަރަށް ދެރައެވެ. އެޒާތުގެ ވާހަކަތަކަށް އެކަށޭނަ ބަހުރުވަޔަކުން ޖަވާބު ލިޔެ ފުދި އިތުރުވާ ވަރަށްވެސް އަހުރެންގެ ގަލަމުގައި ދެލި އެބަހުއްޓެވެ. އެކަމަކު އިބްރާހިމްދީދީ ތިޔަ އިންނަވާ ގޮނޑިޔަށް ކުރެވޭ އިހުތިރާމަކުން އެވާހަކަ ނުލިޔެ ބޭއްވީއެވެ. ގޮނޑިން ފޭބި ދުވަހަކުން ބައްދަލުކޮށް ސަލާންކޮށްފައި ދައްކާން ކަމަށެވެ.

އިބްރާހިމްދީދީ ތިޔަ ތަމްސީލު ކުރައްވަނީ އައްޑުއަތޮޅުގެ ދާއިރާއެކެވެ. ތިޔަ ދާއިރާ އާއި ތިޔަ އަތޮޅަކީ އިލްމާއި ހިކުމަތުގެ ގޮވައްޗެކެވެ. އެހެންވީމާ އަތޮޅާއި ދާއިރާގެ ހައިސިއްޔަތަށް ފެތޭ ވާހަކަ ދައްކަވާށެވެ. މިހާރު ގިނައިން ތިޔަ ދައްކަވަނީ ބޮޑުތަނުން ހޮޅިވާހަކައެވެ. ކުރައްވާކަމަށް ފެންނަނީ ސަމާސާއެވެ. އިބްރާހިމްދީދީގެ ފިލޯސަފީއާއި ފޮތްފޮތުގައި އިލްމުވެރީން ލިޔެފައި ހުންނަ ވާހަކަތައް ދިމާކުރާނެ ގޮތެއް ނޭނގިގެން ދިރާސާކުރާ މީހުން ބޯހަލާކުވުމަށް އަހުރެން ނޭދެމެވެ. ތިޔައީ އަހުރެންގެ ރަހުމަތްތެރިޔެކެވެ.

އެހެންވީމާ އަހުރެންގެ އިލްތިމާސަކީ މިއެވެ. ތިޔަ ދާއިރާ އާއި މުޅި އަތޮޅުވެސް ފަޚުރުވެރިވާ ފަދަ ހިކުމަތްތެރިޔަކަށް އިބްރާހިމްދީދީ ވެވަޑައިގަންނަވާށެވެ. އަމަލާއި ބަހުންނެވެ. އެއީ ކޮޅު ބަދަލުނުކުރިޔަސް ކުރެވޭން އޮތް ކަމެކެވެ. ކުރައްވަން ޖެހޭހާވެސް ކަމަކީ ތިޔަ ދައްކަވާ ވާހަކަތަކާއި ކުރައްވާ ކަންކަމުގައި މިހާރަށްވުރެ އިލްމީ ކުލައެއް ޖައްސައިލުމެވެ. އެ ގާބިލްކަން ނެތީވިއްޔާ ގޮތެއް ނިންމުން ފޭދޫ ރައްޔިތުންނަށެވެ.