މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ހިއްސާވާ ތިން ކުންފުންޏަކުން 1.9 ބިލިއަން ރުފިޔާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު (މީރާ)އިން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
މީރާއިން ހޯދަން އެދިފައިވަނީ ގާސިމް ހިއްސާވާ ކުންފުނިތަކުން ރިސޯޓް ހެދުމަށް ނަގާފައިވާ ރަށްތަކުގެ ކުއްޔާއި ޖުރިމަނާ ފައިސާއެވެ.
އެގޮތުން ގާސިމް ހިއްސާވާ ވިލާ ހޮލިޑޭސް އާއި ދެކޮޅަށް ދައުވާކުރީ 35 މިލިއަން ޑޮލަރު ހޯދުމަށެވެ. އޭގެ އިތުރުން ގާސިމް ހިއްސާ އޮންނަ މާނެންފުށި ކުންފުނިން 77 މިލިއަން ޑޮލަރު ހޯދަން ހުށަހެޅިއިރު ގަޒީރާއާ ދެކޮޅަށް ދައުވާކުރީ 17 މިލިއަން ޑޮލަރު ހޯދުމަށެވެ.
ގާސިމްގެ ކުންފުނި ތަކުން 1.9 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރި އިރު މީގެ ކުރިން ގާސިމްފގެ ހިއްސާ އޮންނަ ވިލާ ޝިޕިންއެންޑް ޓްރޭޑިން ކުންފުނިން 528 މިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެމައްސަލަ މިހާރުވެސް ސިވިލް ކޯޓުން ދަނީ ބަލަމުންނެވެ.
ގާސިމްގެ އެކި ކުންފުނިތަކުން ދެ ބިލިއަނަށްވުރެ ގިނަ ފައިސާ ހޯދަން މީރާއިން ކޯޓަށް ގޮސްފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވަން މަސައްކަތް ކުރިކަމުގެ ދައުވާ އުފުލި ގާސިމްގެ މައްޗަށް ވަނީ ފުލުފުލުގައި ޝަރީއަތް ފެށިފައެވެ.
ގާސިމްގެ މައްޗަށް ބަރިބަރިއަށް ދައުވާ އުފުލެމުންދާއިރު ސަރުކާރުގެ ވަޒީރުން ބުނަމުންދަނީ ގާސިމް މަސައްކަތް ކުރައްވަނީ ދައުލަތަށް ދައްކަވަންޖެހޭ ފައިސާއިން ރެކިވަޑައިގަންނަވަން ކަމަށެވެ.