ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ފުލުސް އޮފީހަށް ހާޒިރުވާން ފޮނުވި ޗިޓް ދެވަނަ ފަހަރަށް ވެސް ކެންސަލްކޮށްފި އެވެ.
މުސްތަފާ ހާޒިރު ކުރަނީ "ރައްޔިތުން ނިކުމެ، ރައީސް ޔާމީން މަގާމުން ބޭރުކޮށް، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށާއި ކޯޓު އަމުރެއްގެ ދަށުން ސާމްޕަލް ނެގުމަށް ކަމަށް މުސްތަފާ އަށް ފުލުހުން ފޮނުވި ޗިޓްގައި ބުނެފައިވެއެވެ.
މުސްތަފާ އަށް އެންމެ ފުރަތަމަ ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައި ވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރެއަށެވެ. އެ ޗިޓް ކެންސަލް ކުރުމަށް ފަހު ދެވަނަ ފަހަރަށް މުސްތަފާ އަށް ފޮނުވި ޗިޓްގައި ބުނެފައި ވަނީ މިއަދު ހަވީރު 4 ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރު ވުމަށެވެ.
މުސްތަފާ ފުލުސް އޮފީހަށް ހާޒިރުކުރުން 2 ފަހަރެއްގެ މަތިން ކެންސަލް ކޮށްފައިވާއިރު އެކަމާއި ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ވެސް މުސްތަފާ ވަނީ، ރައީސް ޔާމީނާއި މި ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.