ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.
ފާރިސްގެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ވާއިރު، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ފާރިސްގެ މައްޗަށް ވަނީ އުފުލާފައެވެ. އެ ދައުވާ ބާތިލުކޮށްދިނުމަށް ފާރިސް ވަކީލުންގެ ފަރާތުން ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފައެވެ.
ފާރިސްގެ މައްސަލަ ޕީޖީ އަށް ފޮނުވާފައިވާއިރު، "ފައިސާ ގޯނި" ހިފައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެހި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި މައްސަލަ ތަހުގީގު ނުކުރަން ފުލުހުން ވަނީ ނިންމާފައެވެ.
ފާއިތުވި ޖުލައި މަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރު ކުރުމަށް ފަހު އޭނާ ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފާރިސް ހައްޔަރުކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލާފައި ވާއިރު ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް ކުރުމެވެ.
2016 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ، އެމްއެމްޕީއާރްސީ ހިޔާނާތްވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޯއްދަވާފައިވާ ފައިސާ ގޯނި ހިފައިގެން އެމްޑީޕީގެ މެމްބަރުންނަށް ފައިސާ ބަހަން ވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ.