ރޭ މާލޭގައި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް މާލޭގެ މަގެއް ބަންދުކޮށް ޖަލްސާގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުން އިދިކޮޅު އެމްޑީޕީން ވެސް ކުނޫޒްގައި ބާއްވާ ޖަލްސާ ބޭއްވުމަށް ފަނޑިޔާރު މަގު ބަންދުކޮށްދީ، ޖަލްސާގެ ސެކިއުރިޓީ ބަލަހައްޓައިދޭން ފުލުހުންގެ ގާތުގައި އެދިއްޖެއެވެ.
ޕީޕީއެމް ޖަލްސާ ބޭއްވުމަށް މަގު ބަންދުކޮށްދިނީ އޮންނަ އުސޫލުގެ މަތިން އެޕާޓީން އެދުމުން ކަމަށް ފުލުހުން ބުނެފައިވާތީ އެމްޑީޕީންވެސް ޖަލްސާ ބޭއްވުމަށް މަގު ބަންދުކޮށްދިނުމަށް އެދި ރަސްމީކޮށް ފުލުހުންނަށް ހުށައަޅާފައިވާނެ ކަމަށް ޕާޓީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެފައިވެއެވެ.
ޕީޕީއެމް ޖަލްސާގެ ސެކިއުރިޓީ ބަލަހައްޓައިދީ މަގު ބަންދުކޮށްފައިވާއިރު ދެޕާޓީ ދެމެދުގައި ތަފާތުކުރުން ނުގެންގުޅެ ގާނޫނާއި އެއްގޮތްވާ މަތިން ފުލުހުން އިންތިޒާމް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ޕީޕީއެމްގެ ޖަލްސާތަކާއި އެއްވުންތަކަށް ފުލުހުން ހުއްދަދީ ސެކިއުރިޓީ ބަލަހައްޓަމުންދާއިރު އިދިކޮޅު ފަރާތްތަކަށް އެއްވެ އުޅުމުގެ މިނިވަންކަންވެސް ނުދީ އެއްވާ މީހުންގެ މޫނަށާއި ގަޔަށް ޕެޕާ ސްޕްރޭ ޖަހާ އަނިޔާކުރާކަމަށް ސޯޝަލް މީޑިޔާގައި ބުނެ ފާޑުކިޔާފައެވެ.