Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މަޖިލީހުގެ 12 މެމްބަރަކަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ މައްސަލަ ފުލުހުން ތަހްގީގުކޮށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުންގެ ދައުރަށް ހުރަސް އަޅައި ފުލުހުންގެ ސަފުތައް ފޫއަޅުވާލި މައްސަލާގައި މަޖްލިސްގެ އިދިކޮޅު މެމްބަރުންގެ ތެރެއިން 12 މެމްބަރެއް ފުލުފުލުގައި ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. އަދި އެމައްސަލަތައް ތަހްގީގު ކުރުމަށްފަހު މިހާރު ޕީޖީ އޮފީހަށް ލިބިފައިވާކަމަށް ޕީޖީން ވަނީ ޔަގީންކޮށްދީފައެވެ.

މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި ފުލުސް އޮފީހަށް ހާޒިރު ކޮށް ބަޔާން ނަގާފައިވަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑީއަރ އިބްރާހިމް ދީދީ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އެވެ.

މީގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އާއި ގއ. ވިލިނގިލީ ދާއިރާގެ މެމްބަރ ސައުދު ހުސެއިން ވަނީ މަޖްލިސްއަށް ވެންނެވި މައްސަލާގައި ހައްޔަރުކޮށްފައެވެ. އެމެމްބަރުން ހައްޔަރުކޮށްފައިވަނީ މަޖްލިސްގެ މެމްބަރުން ނޫން ގޮތުގައި މަޖްލިސް އިދާރާއަށް ވަދެވަޑައިގަތް މައްސަލާގައެވެ.

މި ތިން މެމްބަރުން ފުލުހުންގެ ބަންދުގައި ތިއްބެވިއިރު އެބޭފުޅުންގެ މަޖްލިސް ގޮޑި އާއި ގުޅޭ ދުސްތޫރީ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިވަނީ އަޑުއެހުންތައް ނިންމާލާފައެވެ.