Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ކުޅުދުއްފުށީ ވެހިކަލް ބުރަށް ޕީޕީއެމުން ކާރަކަށް 200ރ!

ޕީޕީއެމްއިން ކުޅުދުއްފުށީގައި ބޭއްވި ވެހިކަލް ބުރު، ފޮޓޯ: ކޭއޯ

ސަރުކާރަށް އޮތް ތާއިދު ދައްކާލުމުގެ ގޮތުން ރާއްޖޭގެ 35 ރަށެއްގައި ޕީޕީއެމްއިން ބޭއްވި ހަރަކާތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށީގައި ބޭއްވި ވެހިކަލް ބުރުގައި ބައިވެރިވި ކޮންމެ ޓެކްސީއަކަށް 200 ރުފިޔާ ދިންކަމަށް އެރަށު އެންމެ ބޮޑު ނޫހުން ރިޕޯޓްކޮށްފިއެވެ.

ކުޅުދުއްފުށީ އޮންލައިން (ކޭއޯ)އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު ބޭއްވި ވެހިކަލް ބުރުގައި އެރަށުގެ ޓެކްސީ ސެންޓަރު ތަކުން 20 ކާރު ވަނީ ބައިވެރިވެފައެެވެ. ދެ ގަޑިއިރަށް ކާރުތައް ކުއްޔަށް ނެގިއިރު ކޮންމެ ކާރަަކަށް ވަނީ 400 ރުފިޔާދީފައެވެ.

އެރަށު ޓެކްސީ ސެންޓަރަކާއި ހަވާލާދީ ކޭއޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހުރިހާ ކާރުތައްވެސް ދަތުރު ކުރީ ހުސްކޮށެވެ.

މީގެ އިތުރުން އެރަށުގައި ހުންނަ ސަރުކާރުގެ އެކި އިދާރާތަކުގެ ވެހިކަލްވެސް ވަނީ މި ބުރުގައި ބޭނުންކޮށްފައެވެ. އެގޮތުން އެސްޓީއޯ އާއި އެމްޕީއެލް އާއި އެމްޑަބުލިއުއެސްސީ އަދި ފެނަކައިގެ ޕިކަޕްތައް ބޭނުންކޮށްފައިވެއެވެ. އަދި މުވައްޒަފުންނަށް މަޖްބޫރުކޮށްގެން މި ބުރުގައި ބައިވެރިކުރިކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫގައި ވެހިކަލް ބުރެއް ބޭއްވުމަށް ނިންމިކަމަށް އަޑުފެތުރު ނަމަވެސް ފަހުން ޕީޕީއެމްއިން ބުނީ ހިތަދޫގައި ވެހިކަލް ބުރެއް ބޭއްވުމަށް ނުނިންމާކަމަށެވެ. ޕީޕީއެމްގެ ބައެއް ފަރާތްތަކުން ބުނީ ސައިކަލަކަށް 1200 އަދި ކާރަކަށް 2500ރުފިޔާ ދޭގޮތަށް ވެހިކަލް ބުރެއް ބާއްވަން ނިންމިކަމަށެވެ.