މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިއްޖެ އެވެ.
މީރާ އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ލިބުނު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އަކީ އެކުންފުނިން މިދިޔަ މަހު ލިބޭނެކަމަށް ލަފާކުރި އަދަދަށްވުރެ 4.7 އިންސައްތަ އިތުރު އަދަދެކެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީ އާއި އަޅާބަލާއިރު 54% ގެ ކުރިއެރުމެއް ކަމަށް ވެސް މީރާގެ ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ.
މިދިޔަ މަހު މީރާ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ކަމަށްވާ ބީޕީޓީ އިންނެވެ. އެގޮތުން ބީޕީޓީ ގެ ގޮތުގައި ޖުމްލަ އާމްދަނީގެ 42% ލިބިފައިވެއެވެ.
ދެވަނައަށް އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ (ޖީއެސްޓީ) އިންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ޖުމްލަ އާމްދަނީގެ 30% ލިބިފައިވެއެވެ. އަދި ތިންވަނައަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ ބޭންކް ޕްރޮފިޓް ޓެކްސް އިންނެވެ. އެއީ ޖުމްލަ އާމްދަނީގެ 8.3 އިންސައްތަ އެވެ.
މީރާ އަށް މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 53.4 މިލިއަން ޑޮލަރު ހިމެނޭކަން ވެސް ފާހަގަކޮށްލެވެ އެވެ.