Last Updated: April 20, 18:41
Saturday, April 20, 2024
ދުނިޔެ

ޔަމަންގައި ކޮލެރާ ޖެހުނު އަދަދު 500،000 އަށް

ފޮޓޯ: އީޕީއޭ

އޭޕްރިލް މަހުގެ ފަހުކޮޅު ޔަމަންގައި ފެތުރެންފެށި ނުރައްކާތެރި ބަލި ކަމަށްވާ ކޮލެރާ މިހާރު 500،000 މީހުންނަށް ޖެހިއްޖެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

އެ ބަލި އެޤައުމުގައި ފެތުރެން ފެށީއްސުރެ މިހާތަނަށް މަދުވެގެން 1،975 މީހުން އެ ބަލީގައި މަރުވެއްޖެ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި ޖުލައި މަހުން ފެށިގެން އެބަލި ޖެހޭ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. އެހެންނަމަވެސް މިހާރު ވެސް ދުވާލެއްގެ މައްޗަށް 5،000 މީހުންނަށް ދަނީ އެބަލި ޖެހެމުންނެވެ.

ކޮލެރާ ފެތުރުމުގެ މައިގަނޑު ސަބަބުތަކެއް ގޮތުގައި ބެލެވެނީ ސާފުތާހިރުކަން ދަށްވުމާއި ފެން ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކެވެ.

ޔަމަންގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން 14 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޤަވާއިދުން ސާފު ފެނާއި ކުނި ނައްތާލުމުގެ ޚިދުމަތްތަކުން މަހްރޫމްވެފަ އެވެ.

ކޮލެރާ ފެތުރެނީ 'ވިބްރިއޯ ކޮލެރާ' އިން ތަޣައްޔަރުވެފައިވާ ކާބޯތަކެއްޗާއި ފެން ބޭނުން ކުރުމުގެ ސަބަބުންނެވެ.

އެބަލި ޖެހިފައިވާ ގިނަ މީހުންނަށް މާބޮޑު އަސަރުތަކެއް ނުކުރާނެ އެވެ. އެހެންނަމަވެސް ފަރުވާ ނުދެވިއްޖެނަމަ، މަދު ގަޑިއިރުތަކެއް ތެރޭގައި މީހާ މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮލެރާ ގެ މައްސަލަ ދުނިޔޭގައި މިހާރު އެންމެ ބޮޑަށް ކުރިމަތިވެފައިވާ ޤައުމަކީ ޔަމަންއެވެ. އެ ޤައުމުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގިނަ ސިއްޙީ ފަރުވާ ދޭ ތަންތަން ވަނީ ބަންދުކުރެވިފައެވެ.

ޑަބްލިއުއެޗްއޯ އާއި އެ ޖަމިއްޔާއާއި ގުޅުންހުރި އެހެން ފަރާތްތަކުން ދަނީ ޔަމަންގައި ކޮލެރާ އަށް ފަރުވާދޭ ކްލިނިކްތަކާއި، ސިއްޙީ ފަރުވާ ތަންތަން ޤާއިމްކުރުމުގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވާ ސާމާނުތައް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮލެރާ ޖެހިފައިވާ މީހުންގެ ތެރެއިން ސިއްޙީ ޚިދުމަތްތައް ލިބޭ 99.9% އަށްވުރެ ގިނަ މީހުން ދަނީ ރަނގަޅުވަމުންނެވެ.