Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

އައްޑޫން ކިލާ ވޭލްތަކެއް ފެނިއްޖެ

އައްޑޫ ސިޓީ، މީދޫ އާއި ދިމާލުން ކިލާ ވޭލްތަކެއް ފެނިއްޖެއެވެ.

މި ކިލާވޭލްތައް ފެނިފައިވަނީ އެ ސަރަހައްދުން ދަތުރުކުރި ޝަންގްރިއްލާގެ ޑައިވިން ދޯންޏެއްގައި ތިބި ބަޔަކަށެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން، އެވަގުތު ޑައިވިން ދޯނީގައި ހުރި މީހަކު ބުނި ގޮތުގައި އެމީހުންނަށް އެކުގައި އުޅުނު 5 ކިލާވޭލް ފެނިފައިވާ ކަމަށެވެ.

"އެކުގައި އުޅުނު 5 ކިލާ ވޭލް އެއް ފެނުނީ. ޕައިލެޓް ވޭލް އައިނެއްގެ ތެރޭގައި. ފެނުނީ ހެރެތެރެ އާއި ދިމާލަށް ބޭރުން." އޭނާ ބުންޏެވެ.

ކިލާ ވޭލް އަކީ އޭގެ ޒާތުގައި އިންސާނުންނަށް ނުރައްކާތެރި އެއްޗެއް ނޫނެވެ. އެހެން ނަމަވެސް ވަރަށް މަދު ފަހަރެއްގައި ކިލާ ވޭލްތައް އިންސާނުންނަށް ހަމަލާ ދިނުމުގެ ހާދިސާތައް ހިނގާފައި ވެއެވެ. އާއްމު ގޮތެއްގައި ކިލާ ވޭލްތައް ހަމަލާ ދެނީ މިޔަރާއި ސީލްތަކަށެވެ. (މަސްދަރު: ވޭލް ފެކްޓްސް).

ކިލާ ވޭލް އަކީ ރާއްޖޭގެ ކަނޑުތަކުން އެހާ ގިނައިން ފެންނަ އެއްޗެއް ނޫނެވެ. ކިލާ ވޭލް ރާއްޖެއިން ފެނިގެން މީގެ ކުރިން ރިޕޯޓްކޮށްފައި ވަނީ ދެ ފަހަރަކު އެވެ. އެއީ 2012 ވަނަ އަހަރު ރަންގަލި ރިސޯޓު ކައިރިން އަދި 2016 ވަނަ އަހަރު އައްޑޫ އާއި ދިމާލުންނެވެ. އައްޑޫ ކައިރިން އެ ފަހަރު ފެނިފައި ވަނީ 2 ކިލާ ވޭލް އެވެ.