Last Updated: July 3, 05:36
Friday, July 3, 2026
ކުޅިވަރު

މޯލްޑިވިއަން ބަލިކޮށް ޝަންގްރިއްލާ ޓްރޮފީ އުފުލާލައިފި

ޝަންގްރިއްލަ ޓީމް/ ފޮޓޯ: ޝަންގްރިއްލާ

އެކުވެރިކަމުގެ ފުޓްބޯޅަ މުބާރާތެއް ކުޅުމަށް މާލެ ގޮސްފައިވާ ޝަންގްރިއްލާގެ ފުޓްބޯޅަ ޓީމާއި މޯލްޑިވިއަން ބައްދަލު ކުރި މެޗް 9-1 ލަނޑުން މޮޅުވެ ޝަންގްރިއްލާ މުބާރާތުގެ ޓްރޮފީ އުފުލާލައިފިއެވެ.

ތިން ޓީމު ވާދަކުރި މި މުބާރާތުގެ ފުރަތަމަ މެޗްގައި ވަން އެންޑް އޮންލީ އާއި މޯލްޑިވިއަން ބައްދަލުކުރި މެޗް ވަން އެންޑް އޮންލީ ކާމިޔާބު ކުރީ 8-1 ލަނޑުންނެވެ. އަދި މުބާރާތުގެ ދެވަނަ މެޗްގައި ޝަންގްރިއްލާ އަދި ވަން އެންޑް އޮންލީ ބައްދަލު ކުރި މެޗް 4-4 ލަނޑުން އެއްވަރުވެފައިވާ އިރު މުބާރާތުގެ ފަހު މެޗް ޝަންގްރިއްލާ ކާމިޔާބު ކުރީ 9 ލަނޑު މޯލްޑިވިއަން ކޮޅަށް ޖަހައިގެންނެވެ.

ރާއްޖޭގެ ނަން މަޝްހޫރު ބައެއް ކުޅުންތެރިންނާއި އެކު ނިކުތް ޝަންގްރިއްލާ ޓީމަށް ލަނޑު ޖަހާ ދީފައިވަނީ ކުރީގެ ވެލެންސިއާގެ ޑިފެންޑާ އަހުމަދު ޝާފިއު (ޝާޓީ) އާއި އަހުމަދު ޝިޔާން (ޓޮޓީ) އަދި މުހައްމަދު ތިލްމީޒު (ބިއްޑޭ)އެވެ.

ޝާޓީ ވަނީ މެޗްގައި 3 ލަނޑު ޖަހާފައެވެ. އަދި ޓޮޓީ ހަތަރު ލަނޑު ޖެހި އިރު ބިއްޑޭ ވަނީ ދެ ގޯލް ޖަހާފައެވެ.

މޯލްޑިވިއަނުން ސްޕޮންސާ އާއި އެކު މާލެ ގޮސްފައިވާ ޝަންގްރިއްލާއިން މާލޭގައި ތިބެނީ ޓްރޭޑާސް ހޮޓަލުގައިއެވެ. 20 ކުޅުންތެރިންނާއި 5 އޮފިޝަލުން ހިމެނޭ ޝަންގްރިއްލާ ޓީމް މިރޭގެ ވަގުތެއްގައި އެނބުރި އައްޑޫއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ޝަންގްރިއްލާއިން ބުނެއެވެ.