Last Updated: June 20, 11:01
Saturday, June 20, 2026
ޚަބަރު

އަދީބުގެ ފައިސާ ވަނީ ހަމައެކަނި އަޅުގަނޑުގެ ގެއަކަށް ނޫން: ރައީސް

ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް. ދެ ބޭފުޅުންނަކީ ވަރަށް އަރިސް ދެ ބޭފުޅުން، ފޮޓޯ: ވީނިއުސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ގެންގުޅުއްވީ ހަލާލު ފައިސާ ނޫންކަމަށް މިހާރު އެނގިފައިވާ ކަމަށާއި އެފައިސާ ވަދެފައިވަނީ ހަމައެކަނި ތިމަން މަނިކުފާނުގެ ގެއަށް ނޫންކަމަށް ވިދާޅުވެ ރައީސްގެ ފާޑުކިޔުން މަޖިލީހުގެ ބައެއް މެމްބަރުންނަށް އަމާޒުވެއްޖެއެވެ.

މިރޭ ޕީޕީއެމް ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެން ޖަލްސާ ޝަރަފުވެރިކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އަދީބުގެ ފައިސާއިން ޚަރަދުކުރި އެތައް މެމްބަރުން ޕީޕީއެމް އިން ހޮވިފައިވާ ކަމަށާއި ރާއްޖެ ކޮރަޕްޝަނުން ސަލާމަތް ކުރެއްވުމަށް އެބޭފުޅުން އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ގޮވާލާ ކަމަށެވެ.

ރައީސްގެ ތުހުމަތު މަޖިލީހުގެ މެމްބަރުންނަށް އަމާޒުވެފައިވާއިރު އިޚްލާސްތެރިކަން އިސްކުރައްވާ އަމިއްލައަށް އިސްތިއުފާ ދެއްވުމަށްފަހު ދާއިރާތަކަށް އަމިއްލަ މަސައްކަތުން ވާދަކޮށް، އިންތިޚާބުވުމަށް ރައީސް ޔާމީންވަނީ "ފައިސާ ނެގި" މެމްބަރުންނަށް ގޮވާލާފައެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ "އަލް ޖަޒީރާ" އިން އިންވެސްޓިގޭޓު ކޮށްގެންވެސް ފެނުނީ ހަމައެކަނި އެމަނިކުފާނުގެ ގެއަށް ލާރި ވެއްދި ތަން ކަމަށާއި އެހެން ތަނެއް އެމީހުންނަށްވެސް ފެނިފައިނުވާ ކަމަށެވެ.

"އެބަ ތުހުމަތުކުރޭ އަދީބުގެ ފައިސާއިން އަޅުގަނޑަށް ބައެއް ލިބުނު ކަމަށް، އާނ! އަލްޖަޒީރާއިން ވެސް ފެނުނީ އަޅުގަނޑުގެ ގެއަށް ފޮށިތައް ވައްދާތަން، މި ނޫން އެހެން އެއްވެސް އެއްޗެއް އަލްޖަޒީރާއަށް ވެސް ނުފެނުނު، އެހެންވީމަ އަޅުގަނޑުގެ އަބުރު ސަލާމަތް ކުރުމަށްޓަކައި ވެސް މި ފައިސާ އެބަ ދައުލަތަށް ވަންނަންޖެހޭ،"

ރައީސް ޔާމީން ވަނީ އަދީބަކީ އެމަނިކުފާނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އަދީބާ ދޭތެރޭ ޒާތީ އެއްވެސް ހަސަދަވެރިކަމެއް ނުގެންގުޅޭ ކަމަށް މިރޭ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ އަނބިކަނބަލުންނާއި މެދު ކަންތައް ކުރެއްވި ގޮތާއި އެމަނިކުފާނާ ދޭތެރޭ ކަންކުރެއްވި ގޮތާމެދު ޒާތީ މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އަދީބު ޚިޔާނާތްތެރިވެފައިވަނީ ރައްޔިތުންގެ ފައިސާ ކަމަށްވުމުން އެފައިސާ އަނބުރާ ދެއްކުމަށް އަނެއްކާވެސް ރައީސް ވަނީ ގޮވާލާފައެވެ.

ނަމަވެސް އަދީބު ވަނީ އެމްއެމްޕީއާރްސީ ފައިސާގެ ބޮޑުބަޔަށް ވީނުވީއެއް އެނގޭނީ ސީދާ ރައީސް ޔާމީނަށް ކަމަށް ވިދާޅުވެ އެފައިސާއަށް އަސްލު ޚިޔާނާތްތެރިވީ ރައީސް ކަމަށް ތުހުމަތުކޮށްފައެވެ.

ކޮރަޕްޝަނާއި ފަސާދައިން ގައުމު ސަލާމަތްކުރެއްވުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތަށް އަލިއަޅުވާލަމުން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ދައުރު ހަމަވުމުގެ ކުރިން ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ވައްދާނެ ކަމަށެވެ.

އަދި އެކަން ކުރެއްވުމަށް ބާރަށް މަސައްކަތް ފަށާފައިވާ ކަމަށާއި ރިޔާސީ ކޮމިޝަންވެސް އުފެއްދީ އެމަގުސަދުގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.