ޕީޕީއެމްގެ އޮޑީގައި ތިއްބެވި ހުރިހާ ކެޔޮޅުންނަށް ވުރެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ބާރުގަދަ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވެފައި ވަނީ، ރޭ މާލޭގައި ޕީޕީއެމްގެ "ރުމާލު2" ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސިޔާސީ ޕޯޑިއަމްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ހުޝާމަދުކޮށް އަބަދުވެސް ވާހަކަ ދައްކަވަމުން ގެންދަވާ ނިހާން ވިދާޅުވި ގޮތުގައި އެކަމަނާއަށް ތައުރީފްކޮށް ވާހަކަ ދައްކަވަން ޖެހެނީ، އެ ކުރައްވާ މަސައްކަތްޕުޅު ފެނިވަޑައިގަންނަވާތީ ކަމަށެވެ.
"ޕީޕީއެމްގެ ކެޔޮޅު ހުރީ ހަމަ ވަރުގަދަ އަޒުމުގައި ވަރުހުރި ކެޔޮޅެއް މިއީ، ބާކީ ދެންތިބި ހުރިހާ ކެޔޮޅުން ވެސް..އަދި ހުރިހާ ކެޔޮޅުންނަށް ވުރެ އަޅުގަނޑުމެންގެ މެޑަމް ކެޔޮޅުގެ ބާރުގަދަކަން ގަދަ އެކަމަނާ ވަރަށް މަސައްކަތް މިކަމުގައި އެބަކުރޭ. މިހެން ވާހަކަތައް ދައްކަން ޖެހެނީ އެކަމަނާ ކުރައްވާ މަސައްކަތްތައް އަޅުގަނޑަށް ފެންނަތީވެ."
ނިހާން ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ގެނެސްދެއްވަމުން ގެންދަވާ ތަރައްގީގެ ވާހަކަ ދެއްކުމަށް ކުރިއަށް މިއޮތް ދުވަސްތަކުގައި ވަގުތު ނެތް ކަން ފާހަގަކުރައްވައި ނިހާން ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ ޕީޕީއެމްގެ އަތުގައި ކަމަށާއި އެ މެޖޯރިޓީ ގެއްލުވާ ނުލެވޭނެ ކަމަށް ވެސް ނިހާނު ވަނީ ވިދާޅުވެފައެވެ.