މިއަދު ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ އިސް މަގާމުގައި ތިއްބެވި ބޭފުޅުން މަގާމު ދެމެހެއްޓެވުމަށާއި ވަޒީފާގެ ކުރިއެރުން ހޯދުމަށް އެއްޗެހި ކިޔާނަމަ އެކަން ކުރިއަށް ގެންދެވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ބައިވެރިވެޑައިގެން ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވެފައިވަނީ އެމަނިކުފާނާ ގުޅޭ ގޮތުން މީޑިޔާގައި ގޯސް ވާހަކަ ދައްކައިގެން ވަޒީފާގެ ކުރިއެރުން ހޯދުމުގެ މަގުސަދުގައި އެކަން ކުރާ ބޭފުޅުން އެކަން ކުރައްވާށެވެ. އަދި އެމީހުން ގޮވައިގެން ޝަރީއަތަށް ނުދާނެ ކަމަށްވެސް މައުމޫން ވިދާޅުވެފައިވެއެވެ.
"ތިޔަބޭފުޅުން ގަބޫލުފުޅު ކުރައްވާ ގޮތުގައި ތިޔަ ބޭފުޅުންގެ ވަޒީފާގައި އިތުރަށް ދެމި ތިއްބެވޭނީ ނުވަތަ ވަޒީފާގެ ކުރިއެރުން ލިބޭނީ މައުމޫނާ ބެހޭ ގޮތުން ގޯސް ވާހަކަ މީޑިއާގައި ދެއްކުމުން ކަމަށް ފެނިވަޑައިގަންނަވާ ކަމަށްވާނަމަ އެކަން ކުރައްވާށޭ، ރެއާއި ދުވާލު އެކަން ކުރައްވާށޭ، އަޅުގަނޑުގެ މައްސަލައެއް ނެތް، އަޅުގަނޑު ވެސް އެދެނީ ތިޔަ ބޭފުޅުންނަށް އިތުރު ތަރައްގީ އާއި ކާމިޔާބީ، އެހެންވީމަ އެ މަގުސަދުގައި ކުރާ ކަމެއްނަމަ އަޅުގަނޑުގެ މައްސަލައެއް ނެތް، އެ ބޭފުޅުން ގޮވައިގެން އަޅުގަނޑު ޝަރީއަތަކަށް ނުދާނަން،"
މައުމޫން ވަނީ ފާއިތުވެދިޔަ އިންތިޚާބުތަކުގައި ސީދާ އެމަނިކުފާނު ކެމްޕޭން ކޮށްދެއްވައި އެހީތެރިކަން ފޯރުކޮށްދެއްވި ބައެއް ބޭފުޅުން މިއަދު މިނިސްޓަރުންގެ މަގާމު ފަދަ ބޮޑެތި މަގާމުތަކަށް ވަޑައިގެންނެވުމުން މާޒީ ހަނދާން ނެތޭތީ ހިތާމަކުރައްވާ ކަމަށެވެ.
ވަކި މިނިސްޓަރެއްގެ ނަން ހާމަ ނުކުރައްވައި ރޭ މައުމޫން ވަނީ ސަރުކާރުގެ ވަޒީރަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މަޖިލިސް އިންތިޚާބުން ނާކާމިޔާބުވުމަށްފަހުގައިވެސް ރައީސުލްޖުމުހޫރިއްޔާގެ ކެބިނެޓަށް އައްޔަން ކުރެއްވުމަށް އެހީވި ކަމަށާއި ނަމަވެސް މިއަދު ޗައިނާ މާކެޓު މައުމޫނަކަށް ނޭނގޭނެއޭ ވިދާޅުވުމުން ހިތާމަކުރާ ކަމަށް މައުމޫން ވިދާޅުވެފައިވެއެވެ.
ޗައިނާ މާކެޓު މައުމޫނަށް ނޭނގޭނެއޭ ވިދާޅުވެފައިވަނީ ޕީޕީއެމް ޖަގަހައެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.