ދުވަހަކުވެސް ކޮރަޕްޓު ޑިކްޓޭޓަރެއްގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިބްރާހިމްދީ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ﷲ ގެ އިރާދަފުޅުން ދުވަހަކުވެސް ކޮރަޕްޓު، ނުލަފާ ޑިކްޓޭޓަރަކަށް ބޯލަނބައި ކުޑަކަކޫ ނުޖަހާނެ ކަމަށެވެ.
އަދި ވޯޓު ދެއްވި ދާއިރާ މެމްބަރުންނާއި މުޚާތަބުކޮށް އިބްރާހިމްދީ ވިދާޅުވެފައިވަނީ އެބޭފުޅުންގެ ހައްގުގައި އެބޭފުޅުން ދެއްވި ވޯޓު ދިފާއުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބްރިގޭޑިއާ އިބްރާހިމްދީ މިހެން ވިދާޅުވެފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ފުލުހުންނާއި ސިފައިން ބަންދުކޮށްފައިވަނިކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި މަޖިލީހަށް ވަތް މެމްބަރުންގެ މައްސަލަ ބަލައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މަޖިލީހުގެ 12 މެމްބަރެއްގެ މައްސަލަ ބަލައި ޕީޖީއަށް ފޮނުވާފައިވާއިރު އިބްރާހިމްދީވެސް އެމެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ގަވާއިދާއި ޚިލާފަށް އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކުރި މައްސަލާގައިވެސް އިބްރާހިމްދީގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.
ނަމަވެސް އިބްރާހިމްދީ ވިދާޅުވެފައިވަނީ އެމައްސަލައަކީ އެމަނިކުފާނާ ބެހޭ ކަމެއް ނޫން ކަމަށާއި އެކަން އޮތީ މާކުރިން ނިންމާލާފައި ކަމަށެވެ.