ރައީސް ޔާމީންގެ ވާހަކަ ދިވެހި ތާރީހުގައި ލިޔެވިގެންދާނީ ރާއްޖެ އައި ޠޫފާނެއްގެ ގޮތުގައި ކަމަށް ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރ އަދި ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އިއްތިހާދުން ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ވާހަކަ ދިވެހި ތާރީހުގައި ލިޔެވިގެންދާނީ ރާއްޖެ އައި ބޮޑު ޠޫފާނެއްގެ ގޮތުގައި ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަމަށް ފާޑު ވިދާޅުވަމުން ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ އަތުގައި އޮތް މަޖްލިސްގެ މެޖޯރިޓީ ގެއްލި މިހާރު ހުރީ ސައިޒް ވަމުން ސައިޒުވަމުން ގޮސް ކަނަކަށް ލާފައި ކަމަށާއި އެމަނިކުފާންގެ އަތުގައި މިވަގުތު އޮތީ "ފަނޑިޔާރުންގެ ކާޑު" އެކަނިކަމަށެވެ.
އެކުގައި ތިއްބެވި އެއްވެސް ބޭފުޅަކަށް އިތުބާރު ނުކުރައްވާ ކަމަށާއި އަބަދުވެސް އަނިޔާވެރިވަމުން އަންނަނީ ކައިރީގައި ތިއްބަވާ ބޭފުޅުންނަށްކަން ފެނިގެން ގޮސްފައިވާ ކަމަށެވެ.
ރައީސް ޔާމީން ދެކެ ބިރު ނުގަންނަ ކަމަށާއި މީހުންނަށް ބިރު ދައްކާނީ އެންމެ ބިރު ގަންނަ މީހާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން އެމްއާރްޑީސީ އާއި ގުޅޭ ގޮތުން މިހާރު އަޑުއިވޭ ބޮޑު ކަރަޕްޝަން މައްސަލަ ވަގުތުން ވަގުތަށް އޮޑިޓް އޮފީހުން ތަހްގީގު ކުރުމަށް ރިޔާޒު ވަނީ ރޭ ގޮވާލައްވާފައެވެ.
ރާއްޖޭގެ ކޮންމެ ދިމާލަކުން އޮޑިޓް ރިޕޯޓެއް ނެރުނަސް ބޮޑި ކަރަޕްޝަން މައްސަލަތައް ފެންމަތިވަމުން އަންނަ ކަމަށާއި މިހާރު އެންމެ ގަދައަށް އަޑުއިވެމުންދަނީ އެމްއާރްޑީސީން ވެހިކަލް ގަތުމުގައި ހިންގާފައިވާ ކަރަޕްޝަން ކަމަށް
"މިހާރު އެންމެ ބޮޑު ކަރަޕްޝަން ހިނގާ އެއްތަނަކީ އެމްއާރްޑީސީކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ، ބައްލަވާ އެބުނާ ވެހިކަލް ގަނެފައި ހުރި ގޮތް، ބައްލަވާ ފުޓްސަލް ދަނޑުތައް ދީފައި ހުރީ ކޮން ކުންފުންޏަކަށްތޯ، އެމްއާރްޑީސީ އާއި ސަރުކާރުން ހަވާލު ކުރި، ފުޓްސަލް އަޅަން ހަމަ އެންމެ ކުންފުންޏަކަށް، ރޯޑު ޑިވެލޮޕް ކުރަން އެމްއާރްޑީސީން ދީފައި ހުރީ ކޮން ކުންފުންޏަކަށްތޯ އޮޑިޓް އޮފީހުން ބައްލަވާ"
ރިޔާޒު ވިދާޅުވީ މިކަން ހިނގައިދިޔަ ގޮތް ރައީސް ޔާމީންއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށެވެ. ރިޔާޒު ވިދާޅުވީ މީގެ އެއްވެސް މަޝްރޫއެއް އެއްވެސް ފަޅެއް އެއްވެސް ފަރާތަކަށް ދޫކުރައްވަނީ އެއިން ރައިސަށް ފައިދާ ވާ ގޮތަށް ކަމަށެވެ. އަދި އެއީ ރައީސް ޔާމީންގެ ކެންޕެއިންއަށް ލިބޭ އެހީކަމަށް އެމަނިކުފާން ވިދާޅުވާ ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންގެ ފައިސާ ލީސް ކުރިނަމަވެސް ވިއްކި ނަމަވެސް އެކަން ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭނެކަމަށެވެ.