Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

"ޔާމީން ކެމްޕޭނަށް އަދީބު 2 މިލިއަން ވެއްދި، އިސްތިއުފާދޭން ނުވޭތޯ؟"

ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޕްރައިމަރީ ކެމްޕޭނަށް ޚަރަދުކުރުމަށް 2012 ވަނަ އަހަރު 2 މިލިއަން ރުފިޔާ ދޫވެއްސަށް ވެއްދިކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރޭ ރައީސް ބައިވެރިވެވަޑައިގެންނެވި ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ބައެއް މެމްބަރުންގެ ކެމްޕޭނަށް އަދީބު ޚަރަދުކޮށްފައިވާނެ ކަމަށާއި ކޮރަޕްޝަނުން ސަލާމަތްވުމަށް އެމެމްބަރުން އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ގޮވާލުމުން މަހްލޫފް ވަނީ ރައީސް ޔާމީނަށް ފާޑުވިދާޅުވެފައެވެ.

މަހްލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ދެ މިލިއަން ރުފިޔާ އަދީބު ލައްވާ ދޫވެއްސަށް ވައްދާފައިވާކަމަށް ބުނެ ރައީސް ޔާމީންވެސް އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ވަނީ ގޮވާލާފައެވެ.

އޭރު ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްއިން ކެންޑިޑޭޓަކު ނެރުމަށް ބޭއްވި ޕްރައިމަރީގައި ވާދަކުރައްވާފައިވަނީ ރައީސް ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އޭރުވެސް ރައީސް ޔާމީނާއެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ވަރަށް ގާތުން މަސައްކަތް ކުރައްވާފައެވެ.

ރޭ ރައީސް ޔާމީންގެ ވާހަކަފުޅުގައި އަދީބު ޚިޔާނާތުން ހޯދި ފައިސާ ވަނީ ހަމައެކަނި އެމަނިކުފާނުގެ ގެއަށް ނޫން ކަމަށް ވިދާޅުވެ އަދީބު ޚަރަދުކޮށް މަޖިލީހަށް އިންތިޚާބުވި ކެންޑިޑޭޓުންނަށް ފާޑުވިދާޅުވެފައިވެއެވެ.