Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

މާލެ ގެންދަން އުޅުނު ހިތަދޫ މީހަކު ފްލައިޓް ތެރެއަށް ނިޔާވެއްޖެ

ލ. އަތޮޅުގައި ހިންގާ ސިކްސް ސެންސް ރިސޯޓުގައި މަސައްކަތް ކުރާ ހިތަދޫ ޒުވާނަކު ހާލުބޮޑުވެގެން މާލެ ގެންދަން އުޅެނިކޮށް ފްލައިޓް ތެރެއަށް ނިޔާވެއްޖެއެވެ.

'އައްޑޫލައިވް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 32 އަހަރުގެ ޝާނިޒް މުހައްމަދެވެ. އޭނާ ނިޔާވީ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ފްލައިޓަށް އެރުވި ފަހުންނެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރާއި ހަވާލާދީ 'ދުވަސްއެމްވީ' ގައި ރިޕޯޓްކޮށްފައިވާ ގޮތުން އެ ޒުވާނަ ހޮސްޕިޓަލަށް ގެނައިރު މައިގަނޑު ކޮމްޕްލެއިން އަކީ ހޮޑުލާއިރު ލޭ އައުމާއި ނޭވާލުމަށް އުނދަގޫ ވުން ކަމަށެވެ. ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ޝާނިޒް ހޮސްޕިޓަލަށް ގެނައި އިރު ވެސް އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާނިޒުގެ ހަށިގަނޑު އައްޑޫ އަށް ފޮނުވުމުގެ މަސައްކަތް ރިސޯޓުގެ ފަރާތުން ދަނީ ކުރަމުންނެވެ.

ޝާނިޒްގެ ރައްޓެހިން ސިފަކުރާ ގޮތުގައި އޭނާ އަކީ ރަށާއި ކިތަންމެ ދުރުގައި މަސައްކަތް ކުރި ނަމަވެސް އެކުވެރިންނާއި ގާތް ގުޅުމެއް ބަހައްޓާ ހިތްހެޔޮ ޒުވާނެކެވެ.