ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް އިއުތިރާފުވެފައިވާތީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާ ފައި ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤާނޫނީ ވަކީލާ ޙިސާން ޙުސައިން އެވެ.
ޙިސާން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންއާ ގުޅޭ ފައިސާތަކެއް ގެކޮޅަށް ވަދެފައިވާ ކަމަށް ރައީސް އިއުތިރާފްވެފައިވާތީ، މައްސަލަތައް އަލުން މުއައްސަސާތަކަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެ މައްސަލަތައް މާދަމާ އޭސީސީއަށާއި ފުލުހުންނަށް ހުށަހަޅާނެ ވެސް ހިސާން ވިދާޅުވިއެވެ.
"ތަކުރާރުކޮށް އެމަނިކުފާނު އެކި ފޯޑިއަމްތަކުގައި އެބަ ވިދާޅުވޭ އެ ފައިސާއާމެދު އަމަލުކުރެވުނު ގޮތް، އެ ފައިސާ ހަރަދުކުރި ކަމާއި ހަރަދުކުރި ގޮތް، އަޅުގަނޑުމެން ކަންބޮޑުވޭ މުއައްސަސާތަކުން މި މައްސަލަ ނުބަލާތީ."
މީގެ ކުރިން ވެސް އެމްއެމްޕީއާރްސީ ކޮރަޕްޝަނާއި ގުޅިގެން ރައީސް ޔާމީނަށް އަމާޒުވާ ތުހުމަތުތަކާ ގުޅިގެން މައްސަލަތައް އޭސީސީއަށާއި ފުލުހަށް ހުށަހަޅާފައި ވެއެވެ. އެހެން ނަމަވެސް އެ މައްސަލަ ބެލުމަށް ފުލުހުން އަދި އޭސީސީ އިން މާ ބޮޑު އަހައްމިއްޔަތު ކަމެއް ނުދެއެވެ.
ރޭ މާލޭގައި ބޭއްވި ޕީޕީއެމްގެ އިވެންޓެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އަހުމަދު އަދީބު ގެންގުޅުއްވީ ހަލާލު ނޫން ފައިސާކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ގެކޮޅު ދޫވެއްސަށް ވެއްދި ފައިސާ ވެސް ވާނީ ހަލާލު ނޫން ފައިސާއަށް ކަމަށެވެ.